ގދ. ތިނަދޫ ފައިލް ފޮޓޯ / ތިނަދޫ ކައުންސިލް
ހަބަރު
ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
31 ޑިސެމްބަރު 2024
މާލެ ސިޓީ

ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ އުސޫލާ ހިލާފަށް ކަމަށް ބުނެ އެކަން ބާތިލުކޮށް ދޭން އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އުޅެ އެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށް ނުވުން ހިމެނެ އެވެ.

އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާގެ ނިންމެވުމުގައިވަނީ އެ މައްސަލައަކީ މަޖިލީހުގެ ގާނޫނުން ލިބޭ ބާރަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއް ކަން ހުށަހެޅި މައްސަލައިގެ ލިޔުމުން ބުނެދެވިފައިނުވާ ކަމަށެެވެ.

ގަރާރާ ގުޅޭ ހުށަހެޅުންތަކަކީ ދުސްތޫރީ ގޮތުން ހައި ކޯޓަށް ބެލޭނެ ފަދަ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށް ހައި ކޯޓުން ފާހަގަކުރި އެވެ. އެހެންކަމުން، ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިން ރައީސުލްޖުމްހޫރިއްޔާގެ ގަރާރާ ގުޅޭ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައެޅި އެވެ.

އެހެންވެ އެ މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ. ރަޖިސްޓްރާގެ ނިންމުންތައް މުރާޖާކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅޭނެ އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ އަހަރުގެ އޮގަސްޓް 31 ގައި ރައީސްގެ ގަރާރަކުންނެވެ. އެގޮތުން ކުރީގެ ސަރުކާރުން އެ ނިންމުން ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް އޮތީ ދަމަހައްޓައިފަ އެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި މައްސަލަތައް ހުރިކަން ފާހަގަ ކުރައްވައި އެ ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ވެސް އެ މައްސަލަ މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށާއި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވާފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved