ގދ. ތިނަދޫ: ރޯދަ މަހު ތިނަދޫގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުހިންގަން ކައުންސިލުން ވަނީ އަންގާފައި. / ސޯޝަލް މީޑިއާ
ހަބަރު
ރޯދަމަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ތިނަދޫގައި މަނާކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ޖެނުއަރީ 2025
މާލެ ސިޓީ

ކުރިއަށް އޮރް ރޯދ މަހަކީ ވެސް ވީހާ ވެސް ބޮޑަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދަ އާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސްތަކަކަށް ހެދޭތޯ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ގެޒެޓުގައި މިއަދު އާއްމުކުރި އިއުލާނެއްގައި ތިނަދޫ ކައުންސިލުން ބުނީ، އެ ތަނުގެ މަގްސަދަކީ ރޯދަ މަހު ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ދިނުން ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންތަކާއި އެ ނޫން ވެސް ތަންތަނުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރާކާތްތައް ނުހިންގޭނެ އެވެ. އަދި ގޭގޭގައި ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް އެ އިއުލާނުގައި އަންގާފައިވެ އެެވެ.

ކައުންސިލުން ބުނީ ކުޅިވަރާއި މުނިފޫހިފިލުވުމަށް ހަރަކާތެއް ކަމަށް ނުބެލެވޭ ރަސްމީ ހަރަކާތެއް ވިޔަސް، ކޮންމެހެން ހިންގަންޖެހޭ ހާލަތެއްގައި ނޫނީ ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ރޯދަ މަހާ ގުޅުން ހުރި ދީނީ ހަރަކާތްތައް ބޭއްވިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ތިނަދޫ ކައުންސިލުން ބުނިގޮތުގައި ރޯދަ މަހާ ގުޅުން ހުރި ކަމެއް ރާވާ ނަމަ، ދުރާލައި ރޭވުމުގެ އިތުރުން އެކަން ކަމާ ގުޅޭ ހުރިހާ ފަރާތަކަށް އަންގަން ޖެހޭނެ އެވެ. އަދި އެކަންކަން ވެސް ކުރަންވާނީ އަޅުކަމުގެ ވަގުތަށް ދަތިނުވާނެ ގޮތަށް އަދި އާންމުންނަށް ވެސް ބުރައަކަށް ނުވާނެހެން ކަަމަށް އެ އިދާރާ އިން ބުންޏެވެ.

އެ ކައުންސިލުން ބުނީ ކަސްރަތާއި ސިއްހީ ބޭނުންތަކަށް ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހަދާފައިވާ ކުޅިވަރު މައިދާންތަކާއި ދަނޑުތަކާއި ޓްރެކް ފަދަ ތަންތަން ރޯދަ މަހު ދުވާލާއި ރޭގަނޑު ހުޅުވާފައި ހުންނާނީ ވެސް ވަކި ގަޑިތަކެއްގައި ކަމަށެވެ.

ކައުންސިލުން ބުނީ މި ކަންކަމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްތުގައި އެ އުސޫލާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް، އެއިން ތަނެއްގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭނެ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved