މުދަލާއި ހިދުމަތުގެ އަގު މައްޗަށް އުފުލެނީ / އަވަސް.އެމްވީ
ވިޔަފާރި
ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މައްޗަށް ގޮސްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
31 ޑިސެމްބަރު 2024
މާލެ ސިޓީ

ރާއްޖޭގެ އިންފްލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގު ބޮޑު ތަނުން އުފުލިއްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި އެންމެ ފަހުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ ނޮވެމްބަރު އަގުތައް ވަނީ 4.05 ޕަސެންޓް އުފުލިފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުތައް މި އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ފާއިތުވި ނޮވެމްބަރު މަހު ވަނީ 2.47 ޕަސެންޓް ބޮޑުވެފަ އެވެ. ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 2.62 ޕަސެންޓްގަ އެވެ.

ނޮވެމްބަރު މަހު އެތައް ކެޓަގަރީއެއްގެ އަގުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޚާއްޞަކޮށް ދުންފަތުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، ދަތުރުފަތުރުގެ ބައިތަކުގެ އަގުތައް ވަނީ މައްޗަށް ގޮސްފަ އެވެ.

މީގެއިތުރުން، ކަނޑުމަގުން ކުރާ ދަތުރުފަތުރުގެ އަގުތައް 5.13 އިންސައްތަ އަށް މައްޗަށް ގޮސް ކަނޑު ދަތުރުފަތުރުގެ ހިދުމަތްތަކުގެ އަގުތައް ވަނީ ބޮޑުވެފައެވެ.

އަގު އިތުރުވި އެހެނިހެން ބައިތަކުގެ ތެރޭގައި ފައިވާނާއި ބޫޓުން 2.66 އިންސައްތަ، މޭވާ 0.64 އިންސައްތަ، އަދި އަންނައުނުން 0.94 އިންސައްތަ މައްޗަށް ދިއުން ފާހަގަ ކުރެވެ އެވެ.

ފާއިތުވި ނޮވެމްބަރު މަހު އަގުތައް ދަށަށް ދިޔަ މުދަލާއި ހިދުމަތްތަކުގެ ތެރޭގައި މޯބައިލް މުވާސަލަތީ ހިދުމަތް ހިމެނެ އެވެ.

މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގުތައް 2.76 ޕަސެންޓް ދަށަށް ދިޔައިރު ތަރުކާރީގެ އަގުތައް 1.94 ޕަސެންޓް އަދި ސައިކަލުގެ އަގުތައް 1.30 ޕަސެންޓް ދަށަށް ދިޔަ އެވެ.

ގައުމީ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާ -- މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މޭ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) މަތިވުމުމަކީ ދިރިއުޅުމުގެ ހަރަދުތައް އަވަސް މިނުގައި އިތުރުވަމުންދާކަމާއި، ދުވަހުން ދުވަހަށް އަސާސީ ހިދުމަތަށް ބޭނުންވާ ތަކެތީގެ އަގުތަކަށް ނޭދެވޭ އަސަރު ކުރަމުން ދާކަމުގެ ހެއްކެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved