ވިއްސާރަ ދުވަހެއް / ޕޮލިސް
ހަބަރު
މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން އިލްތިމާސްކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
31 ޑިސެމްބަރު 2024
މާލެ ސިޓީ

ކުރިއަށް އޮތް 5 ދުވަހުގައި މޫސުން ގޯސްވާނެތީ، ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން މާދަމާއިން ފެށިގެން ޖެނުއަރީ މަހުގެ 5 ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި, ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޯތި ގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަންކަން ފާހަގަކޮށްފައިވެއެވެ.

ސަމާލުކަން ދޭން ވާން ކަންކަމުގެ ތެރޭގައި:

  • ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން

  • ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި (ދޮންނަމެޝިން, އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން

  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ، ކުރިއާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން

  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން

  • ބޭނުންނުކުރާ ނަމަ, ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން

  • ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި, ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން

  • ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ.

އެންޑީއެމްއޭގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ވަނީ ކަމާ ބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved