ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާގެ ސަބަބުން އާ އަހަރު ބަންދުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުތައް ގަދަވެ އަދި ބައެއް އަތޮޅުތަކަށް، އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް މުސޫމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި އައު އަހަރު ބަންދާ ދިމާކޮށް މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭއިރު, ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް, އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުނޅަގާއި ހުޅަނގުއުތުރުން ގަޑިޔަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް މެޓުން ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާ ކުރެއެވެ.
އެހެންކަމުން ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭއިރު އަންނަ އާދިއްތަ ދުވަހަކީ ޗުއްޓީއަކަށް ފަހު ސްކޫލުތައް ހުޅުވާ ދުވަހަށްވެފައި އަތޮޅު ތެރެއިން ގިނަ ބަޔަކު މާލެ ދަތުރުކުރާއިރު ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ.