މިއަދުން ފެށިގެން މި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑަށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް ގަދަވާނީ މެދުރާއްޖެތެރެ އާއި އުތުރުގެ ހިސާބުތަކަށް ކަމަށެވެ. ނަމަވެސް ދެކުނަށް ވެސް ކޮންމެސް ވަރަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އުތުރާއި މެދުރާއްޖެތެރެއަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ.
ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވެއެވެ.
މި ހަފްތާ ފެށުނުއިރުވެސް މެޓުން ވަނީ އަހަރުގެ ފުރަތަމަ ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން އާ އަހަރު ބަންދުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުތައް ގަދަވެ އަދި ބައެއް އަތޮޅުތަކަށް، އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ކުރިން ހާމަކޮށްފައިވެއެވެ.