ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ، އަންނަ ހޮނިހިރު ދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓުން ބުނީ މިއަދާއި މާދަމާވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށާއި މެދުރާއްޖެ ތެރޭގެ, އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖެ ތެރޭގެ, އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކުރެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް ލަފާ ކުރެ އެވެ.
މެޓުން ލަފާ ކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40-45 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ.
އާއްމުގޮތެއްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 5 ފޫޓާއި ދެމެދުގެ އުސްމިނެއްގައި ނަމަވެސް މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓު އޮފީހުން ބުނެ އެވެ.
އެހެންކަމުން އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަަމަށާއި އެހެން ހިސާބުތަކަށް ވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެ އެވެ.
މިވޭތުވެދިޔަ 24 ގަޑިއިރުގައި ކުރި ވިއްސާރައަށް ބަލާއިރު 107.7 މިލިމީޓަރުގެ ވާރެއާއެކު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ލ. މާވަށަށެވެ. މޫސުން ރާއްޖޭގެ ބޮޑު ބަޔަކަށް ގޯސްވެފައިވާއިރު މިދުވަސްވަރު މޫސުމަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.