ސައިބާޓްރަކް ގޮއްވާފައިވާ މަންޒަރު، / -
ދުނިޔެ
ލަސްވޭގަސްގައި ހުންނަ ޓުރަމްޕު ޓަވަރު ކުރިމަތީ ސައިބާ-ޓްރަކެއް ގޮވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 ޖެނުއަރީ 2025
މާލެ ސިޓީ

އެމެރިކާގެ ލަސްވޭގަސްގައި ހުންނަ ޓުރަމްޕު ޓަވަރު ކުރިމަތީގައި އޮތް ޓެސްލާގެ ސައިބާޓްރަކެއް ބުދަދުވަހުގެ ހެނދުނު ވަގުތެއްގައި ގޮވައި، އެ ޓުރަކުގެ ޑްރައިވަރު މަރުވެ، އިތުރު ހަތް މީހަކަސް އެކިވަރުގެ އަނިޔާތައްވެއްޖެކަމަށް އެމެރިކާގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އިއްޔެ ޓުރަމްޕު ޓަވަރުގެ ދޮރުމަތީގައި ހުރި ބިއްލޫރި ދޮރެއް ކައިރީގައި ޓްރަކެއް ދުން އަރަން ފެށިތާ މާގިނައިރުތަކެއް ނުވަނީސް ރޯވެފައިވާ ކަމަށެވެ.

ޓެސްލާ ކުންފުނީގެ ސީއީއޯ އެލޮން މަސްކް ވިދާޅުވީ އެ ޓްރަކު ގޮވީ ޓުރަކުގެ ފަހަތު ސީޓުގައި ނުވަތަ ފަހަތު ބައިގައި ގިނަ އަދަދެއްގެ ގޮވާ ތަކެތި ނުވަތަ ބޮޑު ބޮމެއް އޮވެގެން ކަމަށެވެ. އަދި އެ ގޮވުމަކީ އުޅަނދާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ބޮމެއްގެ ސަބަބުން ކަމެއް ނުވަތަ ފަޔާރ ވޯރކްސްގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއެއްކަން ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަނީ ޓެރިރަޒިމުގެ އަމަލަކަށްވުމުގެ ފުރުސަތު އޮތް ހަމަލާއެއްކަމަށް ބަލައިގެން ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ނިއު އޯލިއަންސްގައި އާ އަހަރު ފާހަގަކުރަމުން ދަނިކޮށް ޕިކަޕް ޓްރަކަކުން ޖައްސައި ދިން ހަމަލާއެއްގައި 15 މީހަކު މަރުވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ނިއު އޯލިއަންސްގެ ހަމަލާއަކީ ޓެރަރިޒަމުގެ އަމަލެއްގެ ގޮތުގައި ބަލައިގެން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އަންނަނީ ތަހުގީގުކުރަމުންނެވެ.

މި އަމަލު ހިންގާފައިވަނީ އެމެރިކާގެ ސިފައިންގޭގައި އައިޓީ ސްޕެޝަލިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކޮށްފައިވާ އުމުރުން 42 އަހަރުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޝަމްސުއްދީން ޖައްބާރު އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved