ވައްޑެ އެދުނީ ރައްޔިތުނަށް ވީ ވައުދު ފުއްދޭތޯ ބަލަން / ތޭރަ އޮންލައިން
ހަބަރު
ސިގިރޭޓާ ވޭޕާ އަޅައިގަނެގެން ނޫޅެ، ރައްޔިތުނަށް ވީ ވައުދު ފުއްދޭތޯ ބަލާބަލަ: ވައްޑެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

ސިގިރޭޓާ ވޭޕާ އަޅައިގަނެގެން ނޫޅެ، ރައްޔިތުނަށް ވީ ވައުދު ފުއްދޭތޯ އުޅުމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ގޮވާލައްވައިފި އެވެ.

ވައްޑެ މިހެން ވިދާޅުވީ ދުންފަތާ ބެހޭ ގާނޫނަށް މި ފަހުން ގެނައި ބަދަލާ އެކީ ދުންފަތް އޮޅަން ބޭނުންކުރާ އެކި ސަމާނު ވެސް މަނާވާނެ ކަމަށް އިރުޝާދު ދީ ހެލްތު މިނިސްޓްރީން ކަސްޓަމްސްއަށް ސިޓީއެއް ފޮނުވަގުތެއްގައި އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ ފެންނަފެނުމަށް މުއިއްޒު އަށް ވެރިކަން ނުކުރެވިގެން މިއުޅެނީ ސިގިރޭޓަާހެދި ކަމަށެވެ.

ވެރިކަން ކުރަން ނޭނގުނަސް ފުކެއް ބޮޑުވަރު ދެއްތޯ؟ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ މީހަކަށް މުއިއްޒު ވަންޏާ ސިގިރޭޓަރ، ވޭޕަރ އަޅައިގަނެގެން ނުއުޅެ، ރައްޔިތުންނަށް ވީ ވައުދު ފުއްދޭތޯ ބަލާބަލަ

- ވައްޑެ

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް، މި ފަހުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ރިއާޔަތްކޮށް ފޮނުވި މި ސިޓީގައި ބުނެފައިވަނީ އަލަށް ގެނައި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެއް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ސިނގިރެޓް، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ތަކެތި އަތުލާ ނައްތާލަން ޖެހޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައިވެ އެވެ.

އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ސިނގިރޭޓަށް ހާއްސަ ދުންފަތާއި އޮޅާ ކަރުދާހާއި ފިލްޓަރު ހިމެނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެއާއެކު ސިނގިރޭޓު ވިކޭ މިންވަރު މަދުވެ، ސިނގިރޭޓު ފޮށި ގަތުމުގެ ބަދަލުގައި އަމިއްލައަށް އޮޅައިގެން ސިނގިރޭޓު ބޯން ގިނަ ބަޔަކު ވަނީ ހިޔާރުކުރަން ފަށައިފަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ދުރުކުރުމަށް މުއިއްޒު ސަރުކާރުން މިހާތަނަށް އެޅި ފިޔަވަޅުތަކުން ނަތީޖާއެއް ފެންނާކަށް ނެތެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައި ހިމަނާފައި ހުރި ފިޔަވަޅުތައް ތަންފީޒުކުރެވޭ ތަނެއް ނުފެނެ އެވެ.

އެހެން ކަމުން ސަރުކާރުން ކުއްލި ކުއްލިއަށް ދުންފަތުން ރައްޔިތުން ސަލާމަތް ކުރުމުގެ ނަމުގައި މިގެންނަ ބަދަލުތަކަކީ ދުންފަތުގެ ވިޔަފާރިވެރިން ރުއްސަން އަދި ސަރުކާރަށް އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތެވެ.

މީގެ އަހަރުތަކެއް ކުރިން ކުރިން 12ރ. އަށް ލިބުނު ސިނގިރޭޓް ފޮށި އެކި އަހަރުތަކުގައި އެކި ފަހަރު މަތިން ބޮޑުކުރި ޓެކްސްތަކާ އެކު މިހާރު ލިބެނީ 250ރ. އިން މަތިންނެވެ.

ނަމަވެސް އޭގެ ސަބަބުން ރާއްޖެ އަށް ދުންފަތް އެތެރެކުރާ މިންވަރު މަދެއް ނުވެއެވެ. އަހަރުން އަހަރަށް އެ އަދަދު ދަނީ މަތިވަމުންކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސަރުކާރަށް އެކަމުން ލިބޭ އާމްދަނީ މިލިއަނުން އަންނަނީ އިތުރުވަމުންނެވެ. މިއި ހަގީގަތެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved