މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުޅި މާލޭގައި އެއްކޮށް ފެންބޮޑުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ ގޭގެ އާއި ފިހާރަތަކަށް ފެން ވަނުން ހުއްޓުވަން އެ ތަންތަނުގައި ވެލި ބަސްތާ ޖަހަމުން އަންނަ ކަމަށެވެ. އަދި ފެން ބޮޑުވެފައިވާ ތަންތަނުން ފެން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ގޭގެއަށް ފެން ވަދެގެން އެހީތެރިކަން ބޭނުންވާ ނަމަ އިމަޖެންސީ ހޮޓްލައިން، 911 އަށް ގުޅަން ފުލުހުން އެދެ އެވެ.
މި ވަގުތުތަކުގައި އެ އަތޮޅުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ދަނީ ފެންބޮޑުވަމުންނެވެ. މިއާއެކު ބައެއް ރަށްތަކުން ފެންބޮޑުވެގެން ގޭގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާއިރު، އެންޑީއެމްއޭއިން ވަނީ މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށް ބުނެފަ އެވެ.
އެ ރަށްރަށުގައި ވެސް ފުލުހުންނާއި ސިފައިން އަދި ކަމާގުޅޭ އިދާރާތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.