ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ގަނެފައިވާ ކަމުގެ ތުހުމަތު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރައްވައިފިއެވެ.
ޝަފީގު މިފަދަ ތުހުމަތުތަކެއް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބުދަ ދުވަހު ހުށަހެޅި ބޯހިޔާވަހިކަމުގެ މައްސަލައިގައި ބަހުސް ކުރައްވަމުންނެވެ.
އެގޮތުން ޝަފީގު ވިދާޅުވީ ވަރަށް ފަހުން މަޖިލީހުގެ 14 މެމްބަރަކު ސަރުކާރަށް ގަނެގެން ގޮސްފައިވާ ކަމުގެ އަޑު އިވިފައިވާ ކަމަށާ އަދި އެ މެމްބަރުން ގެންދެވި ގޮތަށް އޭސީސީގެ މެމްބަރުން ވެސް މިސަރުކާރުން ގަނެފައިވާކަމަށް ހީވާ ކަމަށެވެ.
އަޅުގަނޑަށް ހަމަ ހީވަނީ އެ މެމްބަރުން އެގެންދެވި ގޮތަށް އޭސީސީގައި ތިއްބެވި ފަސް މެމްބަރުން ވެސް އެވަނީ ސަރުކާރަށް ގަނެފައި ހެން
މީގެ އިތުރުން ޝަފީގު ވިދާޅުވީ އޭސީސީގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން އެކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އޭސީސީއަކީ ވަކި ފަރާތެއްގެ ނުފޫޒަކަށް ބެލުމެއް ނެތި މިނިވަން ކަމާއެކު މަސައްކަތް ކުރަން ޖެހޭ ބަޔެއް ކަމަށާއި މިހާރު ފެނިގެން މި ދަނީ އެ ކޮމިޝަނުން ކޮރަޕްޝަންގެ އަމަލެއް ހިންގަމުން އަންނަ މަންޒަރު ކަމަށެވެ.
އެގޮތުން ފްލެޓް ހައްގުވާ ފަރާތްތަކަށް ފްލެޓް ނުދީ، ސަރުކާރަށް ސިޔާސީ ބޭނުން ހާސިލުކޮށްދިނުމަށްޓަކައި ވަގުތު ދިގު ދަންމަމުން އަންނަ މަންޒަރު ފެންނަ ކަމަށްވެސް ޝަފީގު ވަނީ ވިދާޅުވެފައެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނު ކުރުމަށްޓަކައި ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ބައެއް މީހުންގެ ފްލެޓްތައް އަތުލައި ނާޖައިޒު ފައިދާ ނަގަމުން އަންނަތަން ފެންނަ ކަމަށް ޝަފީގު ވަނީ ވިދާޅުވިއެވެ.