މާލޭގައި ފެން ބޮޑުވި ދުވަހެއްގައި ރައީސް ގެތަކަށް ވަޑައިގަތުން: / ރައީސް އޮފިސް
ހަބަރު
ކުރިން ނުކުންނެވި ގޮތަށް ހާލަތު ބައްލަވަން މުއިއްޒު ނުނިކުންނަވާތީ ރައްޔިތުން ކަންބޮޑުވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ "ހަނީ މޫނު" ދުވަސްވަރު މާލެ އަށް ވެހުނު ވިއްސާރައިގައި ހާލު ބައްލަވަން ގޭގެ އަށް ޒިޔާރަތް ކުރެއްވި އެވެ.

ނަމަވެސް ކުރިން ނުކުންނެވި ގޮތަށް ހާލަތު ބައްލަވަން ރައީސް މުއިއްޒު މިފަހަރު ނުނިކުންނަވާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

މިއަދު މެންދުރުފަހު އޮއްސާލި ބޯ ވާރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާބިނގާވެ އުޅެން ވަނީ ދަތިވެފަ އެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މިއަދު ވަނީ އިތުރަށް ގަދަކޮށްލާފަ އެވެ. މާލެ ހިމެނޭހެން މެދު ރާއްޖެތެރެއަށް ވަނީ މިއަދު ހަވީރުން ފެށިގެން އޮރެންޖު އެލާޓް ނެރެފަ އެވެ.

މެދުނުކެނޑި ވެހެނު ބޯ ވާރޭވޭގައި މުޅި މާލޭގައި އޮތީ ފެނު އަޑީގަ އެވެ. ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެގެން ފުލުހުންނާއި ސިފައިން ދަނީ އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

ނިމުނު އަހަރުގެ އޮގަސްޓް މަހު މެދުނުކެނޑި ވެހެނު ބޯ ވާރޭވޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެ ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެގެން ރައީސް ބޯވާރޭގައި ކޯޑެއް ތުރުކުރައްވައިގެން ފޮޓޯ ނަންގަވަމުން ގޭގެ އަށް ޒިޔާރަތް ކުރެއްވި އެވެ

ނަމަވެސް ރައީސް މުއިއްޒުގެ ހިލަމެއް އަދި އެމަނިކުފާނުގެ ވަޒީރެއްގެ ހިލަމެއްވެސް މި ފަހަރު ނުވެ އެވެ.

މިކަމާއި ހިޔާލު ފާޅުކުރި މީހަކު ބުނީ ރައީސް ހަބަރެއް ނުވަނީ ގަންބޫޓާއި ކޯޓް ގެއްލިގެން ކަމަށެވެ.

އިތުރު މީހަކު ބުނީ ފެންބޮޑުވެފައި އޮތް މަގެއްގައި ހުންނަވައި އެ މަނިކުފާނު ޓީވީ ޗެނަލްތަކަށް އިންޓަވިއުއެއް ދެވޭ ވަރަށް ވުރެ މިފަހަރު މާލެ އަށް ވެހުނު ވާރެއާއި މާލޭ މަގުތަކުގައި ފެން ބޮޑުވެފައިވާލެއް ބޮޑުކަމުން ސަލާމަތީ ގޮތުން މަގުމައްޗަށް ނިކުތުން ރައްކާތެރި ނޫން ކަމަށް ސިފައިން ލަފާ ދީފައިވާ ކަމަށެވެ.

އިތުރު މީހަކު ބުނީ ރާއްޖޭގެ ބަޔަކު ހާލުގައި ޖެހިގެން އުޅޭ މި ދަނޑިވަޅުގައި ކުޑަމިނުން އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕޯސްޓެއްހާ މިންވަރު ވެސް ނުފެނާތީ ރައީސް އޮފީހުންނާއި ސަރުކާރަށް ތާއީދު ކުރާ އެކްޓިވިސްޓުން ވެސް ކަންބޮޑުވެފައި ވާކަމަށެވެ.

މުއިއްޒު ހަބަރެއް މިފަހަރު ނުވުމުން އެހެން މީހަކު ބުނީ ވިއްސާރަކަމުން އޮފީސް ނިންމާފަ ގޮސް ޖައްސާލިތަނުން އެމަނިކުފާނަށް އަވަހާރަލެއްޕެވުނީ ކަމަށާއި އަދި ހޭލެވިގެން ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމާ އެނާ ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސް އަށް ތާއީދުކޮށް އާންމުކޮށް ޕޯސްޓް ކުރައްވާ މީހަކު އޭނާގެ އެފްބީގައި ލިޔެފައި އޮތީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ކަންކަން މޮނީޓާކޮށް އަވަސް ހައްލެއް ހޯދުމަށް ރައީސް ޑރ. މުއިއްޒު އިސްކޮށް ހުންނަވައި ޓާސްކް ފޯހެއް އެކުލަވާލައްވަނީ ކަމަށާއި މާދަމާ ގޭގެއަށް ހާލު ބައްލަވަން ވަޑައިގަންނަވާނެ ކަމަށެވެ.

އިތުރު މީހަކު ބުނީ ރައީސް ހުންނެވީ ހަފްތާ ބަންދަށް "އާރަށު" ގައި ކަމަށާއި މޫސުން ގޯސްވެ ކަނޑުގަދަކަމުން އެބުރި މާލެ ނާދެވި އެރަށުގައި ތާށިވީ ކަމަށެވެ.

މެދުނުކެނޑި ވެހުނު ވާރޭގައި މުޅި މާލޭގައި ފެންބޮޑުވެ ގެތަކާއި ފިހާރަތަކަށް ފެންވަދެ އާއްމުންގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މާފަންނުކޮޅުގައި ވަރަށް ގިނަ ފިހާރަތަކަށް ފެންވަދެ ގިނަ އަދަދެއްގެ މުދަލާއި ސާމާނު ވަނީ ހަލާކުވެފަ އެވެ.

ފެންބޮޑުވުމާ ގުޅިގެން ވިޔަފާރިތައް ހުއްޓި، ވަރަށް ބޮޑު ގެއްލުމެއް ވި އެވެ.

މާފަންނުގެ ބައެއް ގެތަކުން ކަރަންޓް ކެނޑުމުގެ އިތުރުން ބައެއް ގޭގޭ ލިފްޓް ތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މާލޭގެ ގިނަ ރެސްޓޯރެންޓްތަކުން ޑެލިވަރީގެ ޚިދުމަތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މޫސުން ގޯސްވެ، މެޓު އޮފީހުން ފުރަތަމަ އޮރެންޖު އެލާޓް ނެރުނީ މިރޭ ހަތެއް ޖަހާއިރާ ހަމައަށެވެ. އެކަމަކު މިހާރު ވަނީ މިރޭ 11 ޖަހަންދެން އެލާޓް ދިގުދަންމާލާފަ އެވެ.

މާލޭގެ އިތުރުން، މި ވިއްސާރައިގައި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ހާއްސަކޮށް މެދު ރާއްޖެ ތެރެ އާއި އުތުރުގެ ބައެއް ރަށްރަށުގައި ގޭގެއަށް ފެން ވަދެ ގެއްލުންތައް ދަނީ ލިބެމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved