މިހާރު މި ދިވެހިރާއްޖޭގައި އެންމެ ޕޮޕިއުލާ ކަމަކަށް މިވަނީ ވައްކަން ކުރުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ވެރިންނަށް ވައްކަމާއި ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަންނަނީ ކުރަމުން ނެވެ. އެގޮތުން އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) ތެރެއިން ހިންގި ވައްކަމަކާއި އެޗްޑީސީގެ ތެރެއިން "ވަގަށް ގޯތި" ވިއްކި ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތި ވެފަ އެވެ.
މި މައްސަލަތައް ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
ޕީއެންއެފުން މިފަހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ބައެއް މީހުނަށް މިހާރު ވައްކަން ކުރުން އެއީ ގައުމީ ވާޖިބަކަށް ވެއްޖެ ކަމަށާއި އެހެންވެ ބާރަށު މައިކުން ވެސް މިހާރު އިވެނީ އެ އަޑު ކަމަށެވެ.
"މިހާރު މިއޮތީ އަޅުގަނޑުމެން ރިސާޗް ކުރާ އެތައް ބަޔަކު މިއުޅެނީ .މުއިއްޒު އަށް މި އެއްޗެހި ފެންނަން ވާނެ، ދެން ތި ބޮޓުން އެއަށް ޖަވާބު ދީބަލަ، މުއިއްޒު ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތް، ދެން އެވިދާޅުވަނީ ދެ ގަނޑުވަރަށް ބެހިގެންނޭ ދަނީ، ނޫނީވިއްޔާ ކޮންމެސް ގަނޑުވަރަކަށް ބައިބައި ދަނީޔޭ އިނގޭތޯ. ހަމަ މިނޫން ކަމެއް މިތާ ނުކުރެއޭ ނޫންތޯ، މިނޫން ކަމެއް ނުކުރެޔޭ މިހާރު މި ދިވެހިރާއްޖޭގައި، އެންމެ ޕޮޕިއުލާ ކަމަކަށް މިވަނީ މި ވައްކަން ކުރުން އިނގޭތޯ، އެހެން ވީމަ މީ ގައުމީ ވާޖިބަކަށް ވެއްޖެ ކަމަށް ބާރަށު މައިކު އެބުނަނީ. މިގައުމުގެ ވާޖިބެއް ވައްކަން ކުރުން މީ އިނގޭތޯ. މިވަރުގެ މީހުން މިތިބީ އަރާ.."
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވިފައި ހުރި އެތަކެއް މައްސަލަތަކެއް މިހާރުވެސް އޭސީސީގައި އެބައޮތް ކަމަށާއި އެއިން މައްސަލައެއް ބެލުމުގެ ފުރުސަތު ނުދެއްވުމުގެ އިތުރަށް އޭގެއިން މައްސަލައަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒުގެ އަރިހުގައި ބޮޑެތި ވަގުންގެ ގޮތުގައި ސިފަވެގެންދިޔަ މީހުން ކުރި ވައްކަމުގެ ޒިންމާ ވެސް އުފުލަންޖެހޭނީ ސީދާ އެމަނިކުފާނު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.