އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ކޯޓުގެ އަޑުއެހުމެއްގައި / ދި ވޮޝިންޓަން ޕޯސްޓް
ދުނިޔެ
ޓްރަމްޕަށް ސާބިތުވި ކުށުގެ އަދަބު ކަނޑައަޅުން މި މަހު 10 ގައި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖެނުއަރީ 2025
މާލެ ސިޓީ

އެމެރިކާގެ އިންތިހާބީ ރައީސް ކަމުގައިވާ ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކާއި ގުޅިގެން އަދަބު ކަނޑައެޅުން މި މަހުގެ 10 ގައި ބޭއްވުމަށް ތާވަލް ކޮށްފި އެވެ.

ބަރަހަނާ ފިލްމު ކުޅޭ މީހަކާ އެކު ބޭއްވި ނަހަމަ ގުޅުން ސިއްރުކޮށްދޭން ޝަރުތުކޮށް، ކެމްޕެއިން ފައިސާއިން އެ މީހާއަށް ހަރަދުކޮށް އެކަން ފޮރުވަން ވިޔަފާރީގެ ހިސާބުތައް އޮޅުވާލި މައްސަލައިގައި މީގެ ކުރިން ވަނީ ކުށް ސާބިތުވާ ކަމަށް ޖޫރީން ނިންމައިފަ އެވެ.

އެމެރިކާގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވަޑައިގެން ހުންނެވި ޑޮނަލްޑް ޓްރަމްޕަށް މިހާރު ޖެހިވަޑައިގެންފައި އޮތީ ފަނޑިޔާރު ތާވަލުކުރައްވާފައި އޮތް ގޮތަށް ޖެނުއަރީ 10 ގައި ކޯޓަށް ހާޒިރުވެވަޑައިގަތުމެވެ.

މި މައްސަލަ އޮއްބާލައި ކޯޓުން ބޭރުކޮށްދެއްވުމަށް ޓްރަމްޕް އެދިވަޑައިގަތް ނަމަވެސް ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވި މެންހަޓަންގެ ފަނޑިޔާރު ޖުއާން މާޗަން ވަނީ އެ ކަމަށް އިންކާރު ކުރައްވާފަ އެވެ.

ފަނޑިޔާރު ޖުއާން މާޗަން ވިދާޅުވި ގޮތުން ހުކުމް އިއްވުމުގައި ޑޮނަލްޑް ޓްރަމްޕަށް ލުއިތަކެއް އޮންނާނެ އެވެ. މި ގޮތުން ކޯޓަށް ހާޒިރުވެވަޑައިގަތުމުގައި، އެއް ގޮތަކީ އޮންލައިކޮށް ބައިވެރިވެވަޑައިގަތުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މިނިވަންކަން ހިފެހެއްޓޭ ގޮތަށް ހުކުމެއް ނުކުރައްވާނެ ކަމަށާއި ހުކުމުގައި އިތުރު ޝަރުތުތަކެއް ނުހިމެނޭނެ ކަމަށް ވެސް ފަނޑިޔާރު ހުއާން ވިދާޅުވި އެވެ.

ކިތަންމެ ލުއިކޮށް އަދަބު އައި ނަމަވެސް ޓްރަމް ވާނީ ޖިނާއީ ކުށެެއް ސާބިތުވެ ހުރެ އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާ ފުރަތަމަ ލީޑަރަށެވެ.

އުމުރުން 78 އަހަރުގެ ޓްރަމްޕަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވޭ ގޮތަށް ގާނޫނުތައް ހުރި ނަމަވެސް، ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން ވެސް ގާނޫނީ މާހިރުން ލަފާކުރައްވާފައި ވަނީ ޖަލު ހުކުމެއް ނާންނާނެ ކަމަށެވެ.

ޓްރަމްޕަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަގާމުގެ ހުވާ ޓްރަމްޕް ކުރައްވާނެ އެވެ. ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު" ގައި ލިޔުއްވާފައިވަނީ މިއީ "ޣައިރު ގާނޫނީ ސިޔާސީ ހަމަލާއެއް" ކަމަށެވެ.

ޓްރަމްޕްގެ ގާނޫނީ ޓީމުން ދެކޭ ގޮތުގައި ހުކުމްކުރުން އަވަސްކޮށް ޓްރަމްޕާ މެދު އަމަލުކުރެވެމުން ދަނީ ސިޔާސީ ރޭވުންތަކަކުންނެވެ. އަދި އެއީ ވާދަވެރިން އަޑީގައި ތިބގެން ޓްރަމްޕްގެ އަބުރު ގެއްލުވާލުމަށް ކުރާ ކަމެއް ކަމަށް އެ ޓީމުން ތުހުމަތުކުރެ އެވެ.

ޓްރަމްޕަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ހުރި ނަމަވެސް އަދި ޝަރީއަތުން ގޮތެއް ނިންމަޖެހޭ މައްސަލަތަކެއް ހުރި ނަމަވެސް މިއީ އެކަމަށް އޮތް ވަގުތު ނޫން ކަމަށް ގާނޫނީ ޓީމުން ދެކެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved