މުހައްމަދު މަލީހު ޖަމާލް / ސޯޝަލް މީޑިއާ
ހަބަރު
ވިއްސާރައިގައި ގެއްލުންވި ވިޔަފާރިތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ: މަލީހު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖެނުއަރީ 2025
މާލެ ސިޓީ

ވިއްސާރައިގެ ސަބަބުން ގެއްލުންވި އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އިއްޔެ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ ދުއްވާ އެއްޗެއްސަށާއި މީހުންގެ މުދަލަށް އަދި ގެދޮރަށް ގެއްލުންވި އެވެ. ފެންބޮޑުވުމުގެ ސަބަބުން މަގު ހިނގާއުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ދަތިވެ މާލެ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

މިކަމާއި ގުޅިގެން "އެކްސް" ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ގެއްލުންވި އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށާއި ޓެކްސް ނިޒާމުން ދައުލަތަށް ފައިސާ ނަގާ ތަންތާ ކަންކުރާ އުސޫލަކީ އެއީ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެކި ރަށްތަކަށް އެކިވަރުގެ ގެއްލުންވަނީ ލިބިފަ އެވެ. ރަށްތަކަށް ލިބުނު ގެއްލުން ބެލުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓޯ، އެންޑީއެމްއޭއިން އެސެސްމަންޓް ހަދަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ.

އިއްޔެ، މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނެފައިވެ އެވެ.

އެ ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި އޭގެ ތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

އާންމުން ދިރިއުޅޭ ގިނަ ގޯތިތަކާއި ފިހާރަތަކުގެ އިތުރުން ގިނަ އަދަދެއްގެ ސައިކަލުތަކާއި ކާރުތަކަށް ވަނީ ފެނުގެ އަސަރުކޮށް ގެއްލުން ވެފަ އެވެ.

ނަމަވެސް ސަރުކާރުން ބުނީ މާލީ ގޮތުން އެހީތެރިވެދީ ބަދަލު ދެނީ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ އެއްޗެއްސަށް ލިބޭ ގެއްލުމަށް ކަމަށެވެ. އަދި، ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަމާއި ކާބޯތަކެތި ލިބޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved