ވާނުވާ ބަންދުގެ މައްސަލައަކީ ހަމައެކަނި ގާނޫނަށް ބަދަލު ގެނަސްގެން ހައްލުވާނެ މައްސަލައެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިފަދައިން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވާނުވާ ބަންދާ ގުޅިގެން ރައީސުލްޖުމުުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަ ފުޅާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ދެކޭގޮތުގައި މި މައްސަލައަކީ ހަމައެކަނި ގާނޫނަކުން އިސްލާހު ގެނެވޭނެ މައްސަލައެއް ނޫން ކަމަށެވެ.
ވާނުވާގައި ތިބޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާ ދިއުން ގުޅެނީ ކޯޓުތަކުގެ ސްޕީޑާއި ޖާގައިގެ ދަތިކަމާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ވަނީ ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯއްދައިދޭނެ ކަމަށް ބުނެފައިވާކަން ފާހަގަކޮށް އެކަމުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ބުނެފައެވެ.
މީގެ އިތުރަށް ޕީޖީ އޮފީހުން ބުނީ ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ހުށަހަޅާ އިސްލާހުތަކަށް ގާނޫނީ ހަމަތަކުގެ މަތިން ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ގާނޫނަށް ގެންނަ ބަދަލުތައް ތަންފީޒު ކުރަން ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނެކަމަށްވެސް ވަނީ ވިދާލުވެފައެވެ.
ވާނުވާ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަސައްވުރެއް އެ އޮފީހުން މިހާރު ވެސް ގެންގުޅެމުން ދާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައިވެއެވެ.