![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J5P215AWTRY568X87BN55R97.jpg)
![](https://theyraonline.s3.ap-southeast-1.amazonaws.com/ads/01J5P215F191M7BQ8HN5JRRQJE.jpg)
އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ހަތަރު މިލިއަން ޑޮލަރުގެ ހަތިޔާރު ދީފި އެވެ.
މި ކަމުގެ އެއްބަސްވުމުގައި ސޮއިކުރީ، ޑިފެންސް މިނިސްޓަރު މުހައްމަދުގައްސާން މައުމޫން، މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ އާލާތްތަކަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާއިން ހަވާލުކުރި ތަކެތި ކަމަށެވެ. ދިން އާލާތްތަކުގެ މާ ބޮޑު ތަފްސީލެއް ނެތެވެ.
އިދިކޮޅުގައި ތިބި އިރު "އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިނެއް ކުރައްވައިގެން ވެރިކަމަށް އައި މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު އިންޑިއާއާ އެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ނަމަވެސް، "އިންޑިއާ އައުޓް" ހަރަކާތަކީ، ރައީސް އަބްދުﷲ ޔާމީންގެ ހަރަކާތެއް ކަމަށާއި އެކަމުގައި މި ސަރުކާރުގެ ބައިވެރިވުމެއް ނެތްކަމަށް ބުނެ އެ ގުޅުން ވަރުގަދަ ކުރުމަށް މިހާރު މުއިއްޒު ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ފާއިތުވި އަހަރެއްހައި ދުވަސްތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރުގެ އެކި ފަންތީގެ ބޭބޭފުޅުން އިންޑިއާއަށް އެތައް ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެެވެ.
ގައްސާން މައުމޫން އިންޑިއާއަށް ރަސްމީ ދަތުރެއް މިހާރު ކުރައްވަމުން ގެންދަވާއިރު، އޭނާއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އޮތްއިރު އެ ދެ ޕާޓީން ހިންގި އިންޑިއާ އައުޓް ހަރަކާތުގެ އެންމެ އިސް އެއް ބޭފުޅާ އެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޑރ، މުއިއްޒު ހިމެނޭހެން މި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ސިޔާސީ ވެރިން ބައިވެރިވެ ލެއްވި އެވެ.