ރައްޔިތުން މަޖިލިސް / ސޯޝަލް މީޑިއާ
ހަބަރު
ލާމަރުކަޒީ ބިލަށާއި ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި
Fathmath Reem
ފާތުމަތު ރީމް
08 ފެބްރުއަރީ 2024
މާލެ ސިޓީ

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާއި ބިމާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ލާމަރުކަޒީ ނިޒާމަށް އިސްލާހު ހުށަހަޅާފައިވަނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ބައެއް ކަހަލަ ގޮންޖެހުންތައް އެރަށު ކައުންސިލަށް އޮތް ކަމަށް ބުނެ ކައުންސިލުން ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ކުރީ ސަރުކާރުން ދީފައިވާ ބިންތައް ރައްޔިތުންނަށް ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދައި ދިނުމަށެވެ.

އިސްލާހުތައް މަޖިލީހުގެ ތަޅުމުގައި އިއްވުމުގެ ކުރިން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ލާމަރުކަޒީ ކޮމިޓީން އެ އިސްލާހުތައް ގެނެސްފައިވަނީ ސިޓީ ކައުންސިލެއްގެ ގޮތުގައި ދަރަޖަ ނުކުރެވޭ ކަމަށް މާނަ ކުރެވޭނެ ކަމުގެ ފުރުސަތު މިހާރު ގާނޫނުގައި އޮތުމުން އެކަން އިސްލާހު ކުރުމަށް ކަމަށެވެ.

އެގޮތުން އިސްލާހުތައް ގެނެސްފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާ (ސިޓީއެއްގެ ގޮތުގައި ކަނޑައަޅެމުގެ އިޖުރާތްތައް ބަޔާން ކުރާ މާއްދާ)ގެ ށ، ނ، ރ، ބ، އަދި ކ އަށެވެ.

ބިމާ ބެހޭ ބިލަށް އިސްލާހު ހުށަހަޅާފައިވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން އެކަށަހަޅާފައިވާ ސިޔާސަތުތަކުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހިންގި ބިންވެރިޔާ ސްކީމްްގެ ދަށުންނެވެ. އެގޮތުން އެތައް އަހަރުތަކަކަށްފަހު މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ބަންޑާރަ ގޯތިތައް އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމު ކުރުމަށްފަހުވެސް އެތައް ދުވަހެއް ފާއިތުވެފައިވީނަމަވެސް ގޯތިތައް ލިބިފައިވާ ފަރާތްތަކަށް ހަވާލު ކޮށްފައި ނުވާތީއާއި އެފަރާތްތަކުން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުމަށެވެ.

މީގެއިތުރުން އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަން ޖެހޭ ގޮތަށް ހެދުމަށެވެ.

މި ބިލްތައް ފާސްކުރުމަށް 17 ވޯޓު ބޭނުންވާއިރު މި ދެ އިސްލާހު ބަލައިގަތުމަށް 32 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ލާމަރުކަޒީ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްވުމާއި އެކީ އެ ބިލު ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމީޓީއަށް އަދި ބިމާ ބެހޭ ބިލް ދިރާސާ ކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމީޓީއަށް ވަނީ ފޮނުވާފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved