އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަށް އަދަބެއް ނުދީ ދޫކޮށްލުމަށް ހުކުމް ކޮށްފި އެވެ.
ޓްރަމްޕްގެ މައްޗަށް ސާބިތުވީ ރައީސް ކަމަށް ކުރިން ފަހަރު ވާދަކުރެއްވި ދުވަސްވަރު އެފަހަރުގެ ކެމްޕޭނަށް ލިބިދާނެ ގެއްލުން ކުޑަ ކުރަން، ސްޓޯމީ ޑެނިއަލްސް ނަމަކަށް ކިޔާ އަންހެނަކަށް ފައިސާ ދިން މައްސަލައިގަ އެވެ.
ޓްރަމްޕް، ސްޓޯމީއަށް 130،000 ޑޮލަރު ދީފައިވާއިރު، އެ ފައިސާ ދިނުމަށް މަގުފަހިކުރީ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް ކޯއެން މެދުވެރިކޮށް ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލާގައި ނިއުޔޯކުގެ ފަނޑިޔާރު ޖުއާން މާޗަން ހުކުމްކުރެއްވީ ޓްރަމްޕް ކުށްވެރިވާ ކަމަށެވެ. ނަމަވެސް، އެއްވެސް ޝަރުތެއް ނެތި ސްޕްރީމް ކޯޓުން ޓްރަމްޕް ވަނީ ދޫކޮށްލާފަ އެވެ.
ފަނޑިޔާރު ހުކުމް އިއްވަމުން ދެއްކެވި ވާހަކަތަކުގައި، ޓްރަމްޕަށް އިއްވަން އޮތީ އާދަޔާ ހިލާފު ހުކުމެއް ކަމަށް ވިދާޅުވި އެވެ.
ސްޕްރީމް ކޯޓުން ކުރާ ހުކުމެއްގެ ސަބަބުން ޓްރަމްޕަށް ޖަލު ހުކުމެއް ނައި ނަމަވެސް، ކުށުގެ ސީރިއަސްކަން ނެތިގެން ނުދާނެ ކަމަށް ފަނޑިޔާރު ޖުއާން މާޗަން ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް އަކީ މީގެ ކުރިންވެސް އެމެރިކާގެ ރައީސްގެ މަގާމު އަދާކުރައްވާފައި ހުންނެވި ލީޑަރަކަށް ވާތީ އާދައިގެ މީހަކަށް ހުކުމްކުރާ ގޮތަށް ހުކުމް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި، އެމެރިކާގެ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ހިސާބުން، ޑޮނަލްޑް ޓްރަމްޕަށް ގާނޫނީ ގޮތުން ހިމާޔަތްތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ޓްރަމްޕަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ބޭއްވި އިރު ކޯޓުން ކުރިން އިރުޝާދު ދީފައިވާ ގޮތަށް ޓްރަމްޕް ބައިވެރިވެވަޑައިގަތީ ވާޗުއަލްކޮށެވެ. ގާނޫނީ ވަކީލުންނާއި މީޑިއާތަކުގެ މީހުން ކޯޓު ރޫމް ފުރެންދެން ގޮސް ތިއްބެވެ.
އަދަބު ކަނޑައެޅުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް ގޯސް ތަޖުރިބާއެއް ކަމަށާއި މިއީ ނިއު ޔޯކާއި ނިއު ޔޯކްގެ ކޯޓް ސިސްޓަމަށް ވެސް ލިބުނު ދެރައެއް ކަމަށެވެ.
އެ ހުކުމާއެކު ޓްރަމްޕް ވެގެންދާނީ ޖިނާއީ ކުށެއް ސާބިތުވެފައި ހުރެގެން ރައީސްކަން ކުރައްވާ ފުރަތަމަ ބޭފުޅާއަށެވެ.
ހުކުމް އިއްވުމުގެ ކުރިން ޕްރޮސިކިއުޓާ ޖޯޝުއާ ސްޓެއިންގްލާސް ވިދާޅުވީ ޓްރަމްޕްގެ މައްޗަށް ސާބިތުވެފައި ވަނީ "ރޭވިގެން އަދި ތަކުރާރުކޮށް ހިންގި އޮޅުވާލުމުގެ އަމަލުތަކެއް" ކަމަށެވެ. މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އިއްތިފާގުން ކަމަށާއި އެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ޕްރޮސިކިއުޓަރުން ވިދާޅުވި އެވެ.
ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 20ވަނަ ދުވަހެވެ.