ރައީސް މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާ ހޯމަ ދުވަހު ފުރާވަޑައިގަންނަވާކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ދަތުރަކީ އެސްޓޯނިއާގެ ރަޢީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމާއި އަނބުރާ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.
މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުންވެސް ރައީސާއެކު ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ރައީސް އޮފީހުން ހާމަކުރިއެވެ.
އެސްޓޯނިއާއަށް ރަސްމީދަތުރުފުޅެއް ރައީސް ކުރައްވަން ނިންމަވާފާއިވާއިރު ރަސްމީ ދަތުރުފަތުރަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށްވެސް ނިމިދިޔަ އަހަރުގެ ތެރޭގައި ދައުލަތުން ހަރަދުކުރިކަން ސާފެވެ. އެގޮތުން 228.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކުރިވެފައިވާ އިރު 266.6 މިލިއަން ރުފިޔާއަށް ވުރެއް އިތުރަށް ސަރުކާރުން ހަރަދުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ މަޖިލިސް އިންތިހާބާ ދިމާކޮށްވެސް ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ކެމްޕެއިން އެތައް ދަތުރެއް ކުރައްވާފައެވެ. އަދި ރާއްޖޭއިން ބޭރަށް ވެސް ގިނަ ދަތުރުތަކެއް ކުރައްވާފައިވެއެވެ. އޭގެތެރޭގައި ޗައިނާ، އެމެރިކާ، އިންޑިއާ، އެކުވެރި އަރަބި އިމާރާތް، ސައުދީ އަރަބިއާ، އަޒަރުބައިޖާން އަދި އެންޓީގާ އެންޑް ބާބިޔުޑާ އަށްވެސް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. މިއިން ކޮންމެ ގިނަ ދަތުރުފުޅުތަކުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ކަމާ ގުޅުން ނުވެސް ނެތް ބޮޑު ވަފްދުތަކެއް ބައިވެރިކުރުވާފައިވެ އެވެ.