ދާދި ފަހުން ރައީސް މުހައްމަދު މުއިއްޒަށް ތައުރީފާ ސަނާ އޮހެމުން ދިޔައީ މި ފަހަކުން އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގައި ރަށަކަށް ފައިބައިވަޑައިގެން ވަގުތު ތުއްތު ކުއްޖެއްގެ އަތުން ދިއްކޮށްލި ޚާއްސަ ނޯޓެއްގައި އޮތް ވާހަކަ އެއް ނުވަތަ ހުވަފަނެއް ހިނދުކޮޅެއްގެ ތެރޭގައި އަސްލަކަށް ހަދާދެއްވުމުންނެވެ.
އެގޮތުން އެ ތުއްތު ކުއްޖާގެ ބައްޕައަކީ ރަށުން ބޭރުގައި ވަޒިފާ އަދާކުރާ ފުލުހެއްކަމުން އެ ތުއްތު ކުއްޖާ ބައްޕަ މަތިން ހަނދާންވެ ބައްޕައާ އެކު ވަގުތު ހޭދަކުރުމަށް ބޭނުންވެ ބައްޕަ ރަށަށް ގެނެސްދެއްވުމަށް "ރައީސް ބޭބެ" އަރިހު އެދުމުން ރައީސް މުއިއްޒު ވަނީ ހިނދުކޮޅެއްގެ ތެރޭގައި ތުއްތު ކުއްޖާގެ ލޯބިވާ ބައްޕަ ރަށަށް ގެނެސްދީފައެވެ.
މިވާހަކައިން ރިޕޯޓު ފެށުމުން މި ދައްކަން އުޅޭ ވާހަކައިގެ މަހްފޫމާ މެދު ގިނަ ބަޔަކު ވިސްނާނެކަން ޔަގީނެވެ. އާދޭހެވެ. މި ދައްކަން މިއުޅެނީ މިފަދަ އެހެން ވާހަކައެއްގެ ތަފްސީލެވެ. އަދި އެކަމުގައި ރައީސް ބޭބޭއަށް އަޑު ފޯރުމުގައި ލަސްވާތީ އެ ވާހަކައެވެ. ނުވަތަ ރައީސް ބޭބެ ގަސްތުގައި އެކަން ޑިޗްކުރައްވާތީ އެވާހަކައެވެ.
ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ކުއްޖެއްގެ އާދޭހުގެ އަޑެވެ. ތާނައިން ލިޔެފައި އޮތް އެ ބޯޑު ހިފަހައްޓައިގެން ހުރިއިރު އެ ތުއްތު ކުއްޖާގެ މޫނުމަތިން ފާޅުވަމުން ދިޔަ އިހުސާސުތައް މައެއްގެ ހައިސިއްޔަތުން ނުހަނު ރަގަޅަށް ފަހުމުވެއެވެ. އެ ތުއްތު ކުއްޖާ ބައްޕަ ދެކިލުމަށް އެދޭ މިންވަރު އެ މައުސޫމު ދެލޮލުން ފާޅުވެއެވެ.
ޖަލެއްގައި ބަންދުގައި އާއިލާއާ ދުރުހުރުމަކީ ކިހާ ވަރެއްގެ ކަމެއްކަން އިހުސާސު ވާނީ އެ ތަޖުރިބާކޮށްފައި ތިބި ބަޔަކަށެވެ. ނުވަތަ އެ ތަޖުރިބާ ކުރަމުންދާ ބަޔަކަށެވެ. އަދި އެވެސް މައްސަލަ ސާބިތުނުވެ ތިބެގެންނެވެ.
އެގޮތުން ވާނުވާ ބަންދުގައި ތިބެން ޖެހުމަކީ މީހާގެ ހަޔާތުން ގިނަ ދުވަސްތަކެއް ބޭކާރުވެ އަދި މީހާ ނަފްސާނީ ގޮތުންވެސް ބަލިކަށީ ކޮށްލާ ކަމަކަށްވާއިރު އެކަމުގައި ވޭން ތަހައްމަލު ކުރަނީ ހަމައެކަނި ބަންދުގައި ހުންނަ މީހާއަށް ނުވުމަކީ އަދި މިކަމުގައި މާއަސަރު ކުރާ ކަމެކެވެ.
ލޯބިވާ އާއިލާ އާ ދުރުގައި ދުވަސްތައް ހޭދަކުރަން އެމީހުންނަށް މަޖްބޫރުކޮށްފައިވާއިރު އެކަމުގައި އާއިލާތައް ކުރާ ތަޖުރިބާއަކީ އަނިޔާވެރިކަން ނޫން އެއްޗެކޭ ބުނެވެން ނޯވެއެވެ.
"ވާނުވާ" ޖަހައިފިއޭ ބުނުމަކީ މީގެ އަހަރުތަކެއް ކުރިންނަމަ ބޮޑު މައްސަލައެކެވެ. ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ހުކުމެއް ނެތި މީހުން ބަންދުގައި އެތައް އަހަރެއް ހޭދަވިޔަސް، އެ ވާހަކަ ދެއްކުމަކީ އޭރު "ބޮޑުވެގެންވާ" ކުށެކެވެ. މިއަދު އެ ވާހަކަ ފާޅުގައި ދެއްކުނަސް، ބަދަލުނުވެ އޮތީ ވާނުވާގެ ހަގީގީ ހާލަތެވެ.
ވާނުވާގައި ތިބޭ މީހުންނަށް ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާ ޖިނާއީ އިޖުރާއާތު ގާނޫނު އައި ފަހުން މިހާރު ލަހެއް ނުވެއެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހޭތީއެވެ. ނަމަވެސް މިފަދަ މައްސަލަތައް ކޯޓުތަކުން ނިންމަންޖެހޭ މުއްދަތެއް ގާނޫނަކު ނޯވެއެވެ.
ވާނުވާގެ މައްސަލައަކީ އެންމެ ޝަކުވާ ބޮޑު އަދި އެކަމެއް ހައްލުކުރަން އެންމެ ގިނަ މަސައްކަތް ކުރެވުނު މައްސަލައެވެ. އެހެން ނަމަވެސް އެކި ފޯމިއުލާތައް ބޭނުން ކޮށްގެން ވެސް ނަތީޖާއެއް ނުފެނުނެވެ. މި ވާހަކަ ދައްކާ ބަޔަކު މި ވާހަކަ ދައްކަން ޖެހުން ނޫން ކަމެއް ނުވެއެވެ.
ވާނުވާގެ މައްސަލައަކީ މީހުން ބަންދު ކުރުމެއް ނޫނެވެ. މައްސަލައަކީ ބަންދު ކުރުމަށް ފަހު މައްސަލަ ނިމޭނެ ދުވަހެއް ނޭނގި، އެތައް އަހަރެއް ވަންދެން ތިބެން ޖެހޭތީއެވެ. ވާނުވާއޭ ކިޔަނީ ވެސް ބަންދު ކުރުމަށް ފަހު ވާނުވާ ނޭނގި ތިބެން ޖެހޭތީއެވެ.
މިކަމާ ވަކާލާތު ކުރުމުން އަދުގެ ސަރުކާރު ޕްރޮމޯޓު ކުރާ ބައެއް ބޮޓުން ބުނާ ގޮތުގައި ޓެރަރިޒަމްގެ އަމަލު ހިންގާ ގައުމު ނުރައްކަލަށް ހުށަހަޅާ ބަޔަކު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. މިކަމާ ނަމަވެސް އަޅުގަޑު ދެވަހެވެ. އެހެނީ އިނގިރޭސި މުހާވިރާ ބަހެއެއްގައި އޮންނަ ފަދައިން، " އަ ޕާސަން އިޒް އިނޮސެންޓު އަންޓިލް ޕްރޫވަން ގިލްޓީ"އެވެ. ކުށެއް ސާބިތުވުމާ ހަމައަށް އެމީހަކީ މައުސޫމު މީހެކެވެ.
އެހެންކަމުން އާއިލާއާ ދުރުގައި "ވާނުވާ" ބަންދުގައި ހުންނަ މީހާއަށް ކުށް ސާބިތު ނުވެ ޝަރީއަތް ނިމިއްޖެ ނަމަ އެމީހާގެ ގެއްލިގެން ދިޔަ ހައްގާ އަދި އާއިލާ ތުއްތު ދަރިންގެ ހަޔާތުން ގެއްލިގެން ދިޔަ ވަގުތާ ހައްގު އަނބުރާ ލިބޭނެ ބާއެވެ؟
އެހެންކަމުން ތުއްތު ކުދިންގެ އަޑު ނުހަނު ގާތުން އައްސަވާ ރައީސް ބޭބެ ވެސް މިކަމާ އެބަ ވިސްނަވަން ޖެހެއެވެ. އެ ތުއްތު ކުއްޖާ ވެސް އެ ބުނަނީ އެއް ވާހަކައެވެ. ފުލުސް މީހާގެ ދަރި ފަދައިން އެ ކުއްޖާއަކީ ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ކުށް ސާބިތު ނުވެ ބައްޕަ ޖަލުގެ ކުޑަ ގޮޅީގައި އޮންނާތީ ބައްޕައާ އެކު ވަގުތު ހޭދަ ނުކުރެވޭ ވާހަކައެވެ. ތަފާތަކީ މި ދެކުދިންގެ އަޑު ރައީސް ބޭބެގެ ކަންފަތްޕުޅާ ހަމައަށް ފޯރުމުގައި ނުވަތަ އެ ދެ ލިޔުމުގައި އޮތް އިބާރާތް ރައީސް ބޭބެއަށް ފަހުމުވެވަޑައިގަތުމުގައި އެއް ކަމަކަށް ދެ ގޮތަށް އަމަލު ކުރެއްވުމުން ދާކަމެވެ.
އަޅުގަޑު މިވާހަކަ ސަމާލު ކަމަށް ގެނައުމުން ސަރުކާރު ތެރޭގައި ތިބި ބައެއް ރައްޓެހިންވެސް ބުނެފާނެއެވެ. ސިޔާސީ ގޮތުން ކުޑަ ކުދިން ބޭނުން ނުކުރާށެވެ. އެހެންކަމަށްވާނަމަ އަޅުގަޑަށް ބުނެލަން ޖެހޭނީ އެކަން ފެއްޓެވީ ރައީސް ބޭބެއެވެ. އަދި އެއް ވާހަކައެވެ. މި ރިޕޯޓުގައި މި ފާހަގަކުރާ "ވާނުވާ" ބަންދު އުވާލުމަކީ ރައީސް ބޭބެގެ ރިޔާސީ ވައުދެއްވެސް މެއެވެ.
ކޮންމެ އަކަސް ދެކުދިންވެސް އާދޭހަކީ އެއް އާދޭހެކެވެ. ނަމަވެސް ރައީސް ބޭބެއަށް އަޑު އިވުމުގައި ތަފާތެއް އެބަ ވެއެވެ.