މި ދައުރަށް ފަހު މި ސަރުކާރުގެ ވެރިން ދާން ޖެހޭނީ ގެއަށް ކަމަށާއި އަންނަ ސަރުކާރުން މި ސަރުކާރުގެ ވެރިން "ޖަލަށް" ނުލިއްޔާ ވެސް ރަނގަޅު ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
"ޗެނަލް13"ގައި ރޭ ވާހަކަދައްކަމުން އުމަރު ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިއްޔެ ދެއްކި ވާހަކަތަކާއި ގުލޭ ގޮތުން މިއަދު އަމަލުކުރާ ގޮތް ފެނުމުން ބަސް ހުއްޓޭ ކަމަށާއި، އެ ބޭފުޅުން މިއީ މާބޮޑު ކަމެއް ކަމަށް ހީފުޅުނުކުރެއްވި ނަމަވެސް، އިންތިހާބެއް އައުމުން އޭގެ ނަތީޖާ ފެންނާނެ ކަމަށެވެ.
އިންތިހާބަކާ ހަމައަށް އައީމަ ހަމަ އޮރިޔާން ވާނީ. ފަސް އަހަރުކޮށްފައި ގެޔަށް ދާންޖެހޭނީ. ޖަލަށް ނުލީއްޔާ ވެސް ރަނގަޅު ދެން އަންނަ ސަރުކާރަކުން މި މީހުން،
އުމަރު ވިދާޅުވީ މި ސަރުކާރުގައި މުޅިންވެސް އޮތީ ވައްކަމާއި ކޮރަޕްޝަން ކަމަށާއި މިކަން ހިނގަމުން އަންނަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ބައި އެޅިގެން ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ އަރިހުގައި ބޮޑެތި ވަގުންގެ ގޮތުގައި ސިފަވެގެންދިޔަ މީހުން ކުރި ވައްކަމުގެ ޒިންމާ ވެސް އުފުލަންޖެހޭނީ ސީދާ މުއިއްޒު ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ މިހާ ބޮޑަށް ދޮގު ހަދައިގެން އަދި މިހާ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ވެރިކަމަށް އައި ބަޔަކު ފަހުގެ ތާރީހެއްގައި ދުނިޔެ ވެސް އަދި ފެނިފައި ނުވާ ކަމަށެވެ.
އުމަރު މިފަދައިން ވިދާޅުވިއިރު މި ސަރުކާރު ދައުލަތާއި ހަވާލުވިފަހުން ވައްކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެމަނިކުފާނުގެ އަރިސް ބޭފުޅުން ނަށް "ވަގަށް ގޯތި" ބަހާލުމުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައި އެވެ.