އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވައި ކުރެއްވި ޑޮނަލްޑް ޓްރަމްޕާއިއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކުރައްވައި، ކާމިޔާބު ހޯއްދެވި ޓްރަމްޕް ކުރިއަށް އޮތް ހަތަރު އަހަރުގެ ދައުރަށް ރައީސްކަމުގެ މަގާމުގެ ހުވާކުރެއްވީ ރޭގައި އެވެ.
އެމެރިކާގެ ރައީސަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ދުނިޔޭގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެހެންވެ، މި ހާލަތާ ކުރިމަތިލެއްވުމަށް ރައީސްގެ ހިކުމަތާއި ހުޝިޔާރު ކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ދެ ގައުމުން ވެސް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި، ރާއްޖެއިން އޮތީ އާ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ސުލްހައަށް ޓަކައި މަސައްކަތް ކުރުމާއި ދެ ގައުމުގެ ޒަމާންވީ ގުޅުން ވަރުގަދަ ކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ވަނީ، ރައީސް ޓްރަމްޕަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. އެ މެސެޖުގައި އެ މަނިކުފާނު ވަނީ، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ގައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.