އޭރު ރޮއެ ހޭރިފައި، މިއަދު އައު ހެކި އުފައްދައިގެން އެމަނިކުފާނު ޖަލަށް ލާން ފޫގަޅައިފިއެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
އޭރު ރޮއެ ހޭރިފައި، މިއަދު އައު ހެކި އުފައްދައިގެން އެމަނިކުފާނު ޖަލަށް ލާން ފޫގަޅައިފިއެވެ.
Mariyam Isaadha
މަރިޔަމް އިސާދާ
21 ޖެނުއަރީ 2025
މާލެ ސިޓީ

"ރައީސް އަބްދުﷲ ޔާމީން އެ ހުންނެވީ ސިޔާސީ ގޮތުން ހައްޔަރުކުރެވި ޖަލަށް ލާފައި"، މިއީ އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒާ އޭރު ޕީޕީއެން/ޕީއެންސީގެ އިސްވެރިންވެސް އެންމެ ގިނައިން ބުނަމުން ދިޔަ ބުނުމެވެ. ރައްޔިތުންގެ ތާއީދު ހޯދުމަށް ރައީސް ޔާމީންގެ ނަންފުޅު ނުވިއްކާ ކަމަކަށް ނުވާނެއެވެ.

ރައީސް ޔާމީން ސިޔާސީ ގޮތުން ކަސްތޮޅު އެޅިފައި ހުރި ހުރުން ނިމުމަކަށް ގެންނާނީ ރައްޔިތުން ދެއްވާ ވޯޓާ އެކު ތިމަން މަނިކުފާނު ކަމަށް ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވެސް ވިއެވެ.

ރައީސް ޔާމީންއަށް ތަފާތު އެކި ފަހަރު މަތިން ނުހައްގުން ހުކުމް ޖެހުމުންނާ އަދި އެއް ހުކުމުން މިނިވަންވުމުން އެކަކު އަނެކަކަށް އޮޅުލާ ބައްދާ ރޮއި ހެދި މީހުންގެ ތެރެއިން ގިނައީ މިއަދު ވެރިކަމުގެ ކޮއިލުގެ ތެރޭގައި ތިބެމެ އެ ހަނދާންތައް ނެތިފައި ތިބި މީހުންނެވެ.

ކުޅައްވަށްފަލު ރަނިންނަށް ވީހެން ވެރިކަމަށް އާދެވުނު އަސްލު ހަނދާން ނައްތާލާ މިއަދު އެގެންދަނީ ރައީސް ޔާމީނަށް އަނިޔާވެރިވަމުންނެވެ. އަނިޔާވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ބުނެ ވެރިކަމަށް އައިސް ފެނުނީ ރައީސް ޔާމީންގެ މައްސަލަތައް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން ފެށި މަންޒަރެވެ. ހައިކޯޓުން ދަށު ކޯތަށް ތަހުވީލުކުރި މައްސަލައިގައިވެސް ބާރު ސްޕީޑުގައި އަޑު އެހުންތައް އަލުން ފެއްޓުވީ ސީދާ ވެރިން އަޑިގައި ތިބެގެންނެވެ. ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާނެކަމަށް ބުނި ނަމަވެސް ހަގީގަތަކީ މިއަދުވެސް ފަނޑިޔާރުގެތައް ހުރީ ރައީސް އޮފީހުގެ ސެކްޝަނެއްގެ ގޮތުގައި ކަމެވެ. މިކަން ދޮގު ކުރެވިދާނެއެވެ. ނަމަވެް ހަގީގަތް ބަދަލެއް ނުވާނެއެވެ.

ރައީސް ޔާމީނަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށާ ކުރީ ހަރާން ހުކުންތަކެއް ކަމަށް ބުނެ ޓީވީތަކަށް އަރާ ކަރުން ހަން ނެގެންދެން ހަޅޭއްލެވި މީހުން މިއަދު ބުނަމުން ދަނީ ރައީސް ޔާމީންގެ މައްސަލަ ބަލަނީ ޕީޖީއން ކަމަށެވެ.. ވެރިކަމަށް އައުމަށް ވިއްކީ އެމަނިކުފާނުގެ ނަންފުޅާ ހުސްގޮނޑިއެވެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް މިކަން ބަދަލެއް ނުވާނެއެވެ. ވެރިކަމަށް އައީ ހުސް ގޮނޑި ދައްކައިގެންނެވެ.

އެ ދުވަހު ރިޔާސީ ބަހުސްގައި ހުންނަވާ ވެސް ރައްޔިތުންގެ ރުހުން ހޯދަން ރައީސް އިބްރާހިމު މުހައްމަދު ސޯލިހާ ދިމާއަށް ލޯ އަނބުރަ އަނބުރާފައި ރައީސް މުއިއްޒު ޖެއްސެވީ އެކްޓުކަން މިއަދު ހާމަވެއެވެ. އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަމަށް ވިދާޅުވެ މިއަދު ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ސަރުކާރުގައި މިގެންދަނީ ރައީސް ޔާމީންގެ މައްޗަށް އުސޫލުން ބޭރުން އައު ހެކި އުފައްދާ ފްރޭމުކޮށް ޖަލަށް ލުމުގެ އައު ސިލްސިލާއެކެވެ.

އެދުވަހު މަގުތައް މަތީ "ފްރީ ޕްރެޒިޑެންޓު ޔާމީން" ޖަހައިގެން ނުކުމެ އެމަނިކުފާނުގެ މައުސޫމުކަމުގެ ނާޖާއިޒް ފައިދާ ނަގާ މިއަދު އެ ގެންދަނީ އެމަނިކުފާނު ސިޔާސީ ގޮތުން ޣަރަގުކޮށްލަން ކަނޑުފައްތަން ރާވާ ނިންމަމުންނެވެ.

ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރި ނަމަ މިއަދު ރައީސް ޔާމީނާ މެދު އައު ހެކި އުފައްދާ އެމަނިކުފާނު ޖަލަށްލާން ފޫނުގަޅާނެއެވެ. ރައީސް ޔާމީނަށް ކުރީ ސަރުކާރުން ދައުވާ ކުރީ އެމަނިކުފާނު ފްރޭމުކޮށްގެން ބުނި މީހުން މިއަދު މި ގެންދަނީ އެމަނިކުފާނަށް އަނިޔާވެރިވުމަށް އައު ދޮރުތައް ހުޅުވަން ޕީޖީ ލައްވާ މަސައްކަތްކުރަމުންނެވެ.

ހަގީގަތުގައި ވެސް މިއީ ކަންބަޅިއެއްގެ ކެހެރީގައި ތިބި ހިޔަޅުންތަކެކެވެ. އޭރު ރޮއެ ހޭރިފައި، މިއަދު އައު ހެކި އުފައްދައިގެން އެމަނިކުފާނު ޖަލަށް ލާން ފޫގަޅައިފިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved