ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި އެވެ.
މެޓުން ވަނީ 12 އަތޮޅަކަށް މިއަދު ވައިޓް އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
މި އަތޮޅުތަކަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް އެލާޓް ނެރެފައިވާ އިރު، ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެ އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރުއެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ފާރެސްމާތޮޑާއަށްށެވެ. އެއީ 129.7 މިލިމީޓަރުގެ ވާރޭ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.