ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ / ރައްޔިތުންގެ މަޖިލިސް
ހަބަރު, ސިޔާސީ
މުއިއްޒުގެ ދޮގުގައި ޖެހިގެން ދިވެހިންނަށް މިތިބީ ލަނޑު ލިބިފަ: އަހުމަދު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދާ ދަތުރުތަކުގައި ރައްޔިތުންނަށް ވެވަޑައިގަންނަވަނީ ހޮޅި ވައުދުތަކެއް ކަމަށާއި މުއިއްޒުގެ ދޮގުގައި ޖެހިގެން ދިވެހިންނަށް މިތިބީ ލަނޑު ލިބިފަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފުދިއްޖެ-ފުނޑިއްޖެ ހާއްސަ ކަވަރޭޖްގައި ރޭ ވާހަކަދައްކަވަމުން މެމްބަރު އަހުމަދު ދީދީ ވިދާޅުވީ މިސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުމައްޗަށް ނުކުތުމަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކު ރައީސް މުއިއްޒު ރަށްރަށް ވަޑައިގަންނަވާ ހޮޅި ވައުދުތައް ވެވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ.

ތެދެއް ހެދެން އޮތަސް ކަޅާހުދުން ކަމެއް ފެންނަން އޮތަސް އެކަމަށް ސީދާ ދޮގު ބުނެ ދޮގު ހަދާ ބަޔަކު ދައްކާ ދައްކާ ވާހަކަ ގަބޫލުކޮށްގެން ނުވާނެ މިހާރު. އެ މާޒީ އަށް ހައްދަވާށޭ. އެ ބޭފުޅުން އެ ހެއްދެވި ދޮގުގައި ޖެހިގެން އަޅުގަނޑުމެން މިތިބީ ލަނޑު ލިބިފައޭ،

- ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

އޭނަ ވިދާޅިވީ ރައްޔިތުންނަށް ހެޔޮވެރިކޮށް ދިނީ އެމްޑީޕީން ކަމަށާއި އެކަން 2018-2023 އަށް ރައްޔިތުން ތަޖުރިބާ ވެސް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް އިޝާރާތް ކުރައްވައި މެމްބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކުރި ބަޖެޓުގައި ރަށްރަށުގެ ތަރައްގީ ކުރާނެ އެއްވެސް މަސައްކަތެއް ނުވަތަ މަޝްރޫއުގެ ތަފްސީލުތައް ހިމަނާފައިނުވާ ކަމަށާއި، އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. މިގޮތަށް ބަޖެޓު ފާސްކުރުމުން ޖަވާބުދާރީ ކުރުވުމާއި، ޒިންމާދާރުކުރުވުމުގެ ފުރުސަތު ގެއްލުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނަ ވަނީ ރައްޔިތުން ބޭނުންވާ ދެފުށް ފެންނަ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ގައުމަށް ގެނައުމުގެ މި މަހުގެ 31 ގައި "ފުދިއްޖެ، ފުނޑިެއްޖެ" ގެ ނަމުގައި އެމްޑީޕީން ބާއްވާ ބޮޑު ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވާން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved