

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ނުކޮށް ފިޔަވަޅެއް ނާޅަނީ އެމަނިކުފާނުގެ ނަންފުޅުވެސް އަންނާނެތީކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ކޮރަޕްޝަން މުލުން ލުހެލާނެ ކަމުގެ ވައުދު ރައީސް މުއިއްޒު ވެވަޑައިގަތް ނަމަވެސް އެކަން ނުކުރެވޭނެ ކަމުގެ ދަލީލުތައް ވަރަށް ކައިރިން ފެންނަން އޮތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުން ހިންގާ ކޮރަޕްޝަންތަކާއި މެދު ރައީސް މުއިއްޒު ހާސްވެގެން އުޅުއްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާނަމަ އެ މައްސަލަތައް ބަލާ ފިޔަވަޅު ނާޅާ ސަބަބާއި މެދު ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.
މިއީ ހަމަ ސިންޑިކޭޓެޑް ކްރައިމް. ގުޅިގެން، އެތައް ބަޔަކު ގުޅިގެން، އެތައް މުއައްސަސާއެއް ގުޅިގެން ކުރާ ވައްކަމޭ މިއީ. އެކަމު މިއިން ވާހަކައެއް މުއިއްޒު ދައްކަވާކަށް ނޫޅޭ. މިއިން ވާހަކައަކަށް އަދުރޭ ޖަވާބެއް ދޭކަށް ނޫޅޭ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ އިދާރާއެއްގައި މިހާރު އޮތީ ކޮރަޕްޝަންކަމަށާއި އަދި އެކަން ކުރުވަނީ މުއިއްޒު އަށް އިނގިގެން ކަމަށާއި މުއިއްޒު ކޮރަޕްޝަނާއި ދެކޮޅުނަމަ މިއިން ކޮންމެ މީހަކަށް ހުންނަން ވާނީ ފިޔަވަޅުއެޅިފައި ކަމަށެވެ.
އަދި އެމީހުންގެ މައްޗަށް ފިޔަވަޅު ނޭޅި ތަހުގީގު ނުހިންގާ އެތިބެނީ މިކަމުގެ ތަހުގީގު ފެށުމުން މުއިއްޒުގެ ނަން ވެސް އަންނާތީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިކަން މިހެން އޮތުމުން ފަހުރު ވެރިވާންވީ އެންމެ މީހުން ގިނަ ޕާޓީއަށް ވުމުން ނޫންކަމަށާއި ފަހުރުވެރިވާނަމަ ވާންވީން އެންމެ ވަގުން ގިނަ އެންމެ ކޮރަޕްޓް މީހުން ގިނަ ޕާޓީއަށް ޕީއެންސީ ވީކަމާއިމެދު ކަމަށެވެ.