

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ފުލުހުން މަގުމަތީގައި ޑިއުޓީއަށް ތިބޭއިރު، ފޯނާ ނުކުޅުމަށާއި އާންމުންނާ ރީތި ބަހުން ވާހަކަ ދެއްކުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ނަސޭހަތްތެރިވެވަޑައިގެންފި އެވެ.
ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރި އޮފިސަރުންގެ ދަސްވެނިވުމުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނުކުންނަ އޮފިސަރުންގެ ކިބައިން އެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
ފުރަތަމަ ކަމަކީ ޑިއުޓީ އަދާކުރާއިރު ޑިއުޓީގެ ބޭނުމަށް މެނުވީ މޯބައިލް ފޯނު ބޭނުން ނުކުރުން
މަގުތިން ފުލުހުން ފެންނައިރު ވެސް ތިބެނީ ފޯނަށް ގެއްލިފައި ކަމާއި މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުބަހެއްޓޭ ކަމުގެ ކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ކަމަށް ދ. ވާނީގައި ޕޮލިސް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް ޝުޖާއު އެދިވަޑައިގެންނެވީ އަބަދު ވެސް ރައްޔިތުންނާ ރިވެތި ބަހުން މުއާމަލާތް ކުރުމަށެވެ.
ތިންވަނަ ކަމަކަށް ސީޕީ ޝުޖާއުވަނީ ފުލުހުންނަށް ލިބޭ ބާރަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަން ލިބޭ ބާރެއް ނޫންކަމަށާއި، އަބަދުވެސް މަސައްކަތްކުރަންވާނީ ބާރުގެ ބޭނުން ނުކޮށް، މެދުވެރިވާ ކަންކަން ހައްލުކުރުމަށް ކަމަށް ވިދާޅުވެފަ އެެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރިއަށް އެބަދާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެ އާއި ބޭރުން ފޯރުކޮށްދެމުންދާ ކަމަށާއި ރާއްޖޭގެ ރަށްރަށުގައި ވެސް ފުލުހުންގެ މަރުކަޒުތައް ގާއިމުކުރަން އަންނަ ކަމަށް ވިދާޅުވި އެވެ.
އެއިން ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ހެދުން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.