ކުރީގެ ސީޕީ ޝުޖާއު / އަވަސް
ހަބަރު
ކުރީގެ ސީޕީ ޝުޖާއު ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
28 އޭޕްރީލު 2025
މާލެ ސިޓީ

މި ސަރުކާރުގެ ފުރަތަމަ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި އަލީ ޝުޖާއު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވައިފި އެވެ.

ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ފުރަތަމަ ވެސް ދޮގު ހަދާފައިވާ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކެ އެވެ. އެކަމަކު މައްސަލަގަނޑު ބޮޑުވެފައި އޮއްވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ޝުޖާއު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުމްނު، 21، ވެއްޓިފައިވަނީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން، ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. އެ މައްސަލައިގައި، އޭނާއާ އެކު އެ އިމާރާތުގެ ތެރޭގައި އޭރު އުޅުނު ރައުދު އަހުމަދު ޒިލާލް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ޝުޖާއު އިސްތިއުފާ ދެއްވި ކަން ހާމަކުރީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. ހީނާ ވިދާޅުވީ ޝުޖާއު އިސްތިއުފާ ހުށައެޅުއްވުމާ އެކު އެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރައްވައިފި ކަމަށެވެ.

ޝުޖާއު މަގާމުން އިސްތިއުފާދެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެެއްވިކަން  އެ އިދާރާއިން ވަނީ ހުރިހާ ފުލުހުންނަށް އަންގާފަ އެވެ. އަދި އޭނާ ހިދުމަތުން ރިޓަޔާކުރެއްވި މަގާމުން އިސްތިއުފާދެއްވި ދުވަހުކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

ޝުޖާއު އިސްތިއުފާން މެދުވެރިވީ ޔުމްނު އަށް އިންސާފު ހޯދަން ޒުވާނުން ކުރި މުޒާހަރާގައި އެކަމަށް ޑިމާންޓް ކުރުމުން ނެވެ. އެ މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، އޭނާ ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި އެ ރޭ ޔުމްނު ވީތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނި ކަން ވެސް ކޯޓު އަމުރުން އެނގުނެވެ.

  • ކުރީގެ ކޮމިޝަނަރ އަލީ ޝުޖާއު

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ކޮމިޝަނަރ އަލީ ޝުޖާއު ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގަތުމުގެ ކުރިން ދިވެހި ސަރުކާރަށް 8 އަހަރު ދުވަހު ހިދުމަތްކުރައްވާފައިވެ އެވެ.


ދިވެހި ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑް ރޭންކަށް ކޮމިޝަނަރ އަލީ ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރުއެވެ. އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ތެރޭގައި ލީޑަރޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެ އެވެ. މީގެއިތުރުންވެސް ކޮމިޝަނަރ އަލީ ޝުޖާއު ވަނީ ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ގިނަ ޕްރޮފެޝަނަލް ފޯރަމްތަކެއްގައި ދިވެހިރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ޚިދުމަތް ތަމްސީލު ކުރައްވާފަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ކޮމިޝަނަރގެ މަގާމަށް އައްޔަން ކުރެއްވީ 2023 ޑިސެމްބަރު 24 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ތައުލީމާއި ތަމްރީނުގެ ރޮނގުން ކޮމިޝަނަރ އަލީ ޝުޖާއު ވަނީ މެލޭޝިޔާއިން މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އިންޑިއާއިން ހިސާބު، ފިޒިކްސް، އަދި ކެމިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.

މީގެއިތުރުން ކޮމިޝަނަރ ޢަލީ ސުޖާއު ވަނީ ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި ތަފާތު އެކި ޕްރޮގްރާމްތައް ފުރިހަމަކުރައްވައި، އެކި ގައުމުތަކުން ޕްރޮފެޝަނަލް ސެޓްފިކެޓްތައް ހާސިލުކުރައްވާފައެވެ. މިގޮތުން ފުރިހަމަކުރައްވާފައިވާ ޕްރޮގްރާމްތަކާއި ތަމްރީނުތަކުގެ ތެރޭގައި 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް އިންޑިއާގެ ހައިދަރުއާބާދުގެ ސަރްދާރު ވައްލަބައީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގައި ހިންގި އިންޑިއަން ޕޮލިސް ސާވިސް ޕްރޮބޭޝަނަރސް ކޯސް، 2010 ވަނަ އަހަރު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އެންޑް އާރްއެމްއައިޓީ އިން ވިއެޓްނާމުގައި ހިންގި އޭޝިއާ ރީޖަނަލް ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް، 2014 ވަނަ އަހަރު އެމެރިކާގެ ހަވާއީގައި ހިންގި އޭޝިއާ ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްއިން އެޑްވާންސްޑް ސެކިއުރިޓީ ކޯޕަރޭޝަން ޕްރޮގްރާމް، 2016 ވަނަ އަހަރު މެލޭޝިއާގެ ކުއަލަލަމްޕޫރުގެ ރޯޔަލް މެލޭޝިއާ ޕޮލިސް ކޮލެޖުން ހިންގި 42 ވަނަ އިންޓަރނޭޝަނަލް ސީނިއަރ ޕޮލިސް އޮފިސަރސް ކޮމާންޑް ކޯސް އަދި 2019 ވަނަ އަހަރު އެމެރިކާގެ ކުއަންޓިކޯގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ނޭޝަނަލް އެކަޑަމީގެ 277 ވަނަ ސެޝަން ހިމެނެ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved