

ރައްޔިތުންގެ ލޯބްތާއި އިހުތިރާމާއި ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަދި ވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެ ކަންކަން ކުރަމުން ގެންދާ ކަމަށް ޕޮލިސް ކޮމިޝަނަރު، (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވީ ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީ ވިދާޅުވި ގޮތުގައި ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީއެއް ތައާރަފުވެގެން އައި ހިސާބުން ފުލުހުންނަށް ވަނީ ގިނަ ފިލާވަޅުތަކެއް ދަސްވެފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށް ވަރަށް ގިނަ ކަންކަން އަދި ވެސް ކުރަންޖެހޭކަން ގަބޫލުކުރަން. ފުލުހުންނާއި ރައްޔިތުންގެ ގުޅުން މި ހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ. ހުށަހެޅޭ މައްސަލަތައް މިހާރަށްވުރެ އަވަހަށް ނިންމަންޖެހޭ. މައްސަލަތަކުގެ ވާނުވާ، މައްސަލަތައް ހުށަހަޅާ ފަރާތްތަކަށް މިހާރަށްވުރެ ހަރުދަނާކޮށް އަންގަން އެބަޖެހޭ،
ސީޕީ މިހެން ވިދާޅުވިއިރު ފާއިތުވި ހަފުތާއެއްހައި ދުވަހު އެ މުއައްސަސާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަނީ އުމުރުން 21 އަހަރުގެ ޒުވާން އަންހެނެއް ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުން އަންނަ ގޮތާ ހެދިއެވެ.
މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭހެން، ވަރަށް ގިނަ މީހުން އަންނަނީ ފުލުހުންނަށް އިތުބާރު ނުކުރާކަމަށް ބުނަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ހައްވާ ޔުމްނު ރަޝީދު، ވެއްޓުނު އިމާރާތުގެ ކެމެރާތަކާއި ޓެރަސް ހުރި ހިސާބާއި ގުޅޭގޮތުން ފުލުހުން ނޫސްވެރިންނަށް ދިނީ ސައްހަ ނޫން މައުލޫމާތުތަކެއްކަން ވެސް މިހާރު ވަނީ ހާމަވެފަ އެވެ.
އަދި ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމުގެ ކުރިން އޭނާ އާއެކު އުޅުނު މީހުން ހައްޔަރު ނުކޮށް ފުލުހުން ލަސްކުރުމުން އެކަމާއި ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުން ނެވެ.
މީގެއިތުރުން ޔުމްނު ރަޝީދުގެ މައްސަލައިގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރުމުން އިހުތިޖާޖުކުރާ ޒުވާނުން އަންނަނީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާއި ހޯމް މިނިސްޓަރު އަލީ އިހުސާނު އިސްތިއުފާ އަށް ގޮވަމުން ނެވެ.