February 21, 2026
Advertisement
ސިފައިން އަދި ފުލުހުން
ސިފައިން އަދި ފުލުހުން / އެމްއެންޑީއެފް

ޕީއެންސީއަށް ސިފައިންނާއި ފުލުހުން ވަނީ ވައްދާފައި: ރައީސް ޔާމީން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 27, 2025, 05:32 AM
މާލެ ސިޓީ

ވެރިކަންކުރާ ޕީއެންސީއަށް ވަގަށް ވައްދާފައިވާ މީހުންގެ ތެރޭގައި ސިފައިން އަދި ފުލުހުން ވެސް ހިމެނޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

Advertisement

ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގެ ތެރެއިން މިރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސިފައިންނާއި ފުލުހުން ނަކީ ގާނޫނު އޮންނަ ގޮތުން ސިޔާސީ ޕާޓީއަށް ވަދެވޭނެ ބައެއް ނޫން ކަމަށާއި އެމީހުން ޕީއެންސީ އަށް ވެއްދި ނަމަ އެކަން ކުރި ބަޔަކު ފުރި ފޯމު ސައްހަ ނުވާނެ ކަމަށެވެ.

އެމީހުންގެ ފޯމު ނުފުރާނެ އެމީހުން ނެތް، ވަގު ފޯމް އެއީ ފުރި ބަޔަކަށް ވެސް ނޭގެ އެއީ އެމީހުންގެ ފޯމް ކަމެއް، ފުރި ބަޔަކަށް އިނގޭ ސިފައިންނާއި ފުލުހުން ވެއްދުމުން އަތަށް ގޮވާނެކަން، އެހެންވީމަ ކޮންތާކުންތޯ މި މައުލޫމާތު ހޯދީ، ޑީއެންއާރު، ޑީއެންއާރުން މި މައުލޫމާތު ގެންނައިރު ނޭގޭނެ ސިފައިން ކަމެއް ފުލުހުން ކަމެއް، އެހެންވެ މި ބުނަނީ ޑީއެންއާރުން ވައްކަން ކޮށްގެނޭ އެ އުޅެނީ، އެހެންވީމާ ތާހިރެއްނޫން ދޯ މި މީހުން އަރާ މި ވާހަކަ ދައްކާކަށް..

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ މައްސަލައެއް އޮތްނަމަ ތި މަންނަ މެނަށް ހުށައަޅަން ބުނާއިރު ކޮމިޓީގައި ވެސް ތިބީ ވަގުން ކަމަށާއި ދެން އެކަން ބެލޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އަދި ވައްކަން ކުރީ ޑީއެންއާރުގެ ތެރެއިން ކަމަށާއި އެހެން ނޫންނަމަ ސިފައިން ފުލުހުން ގެ މީހުނެތް މުއިއްޒު ޕާޓީގައި ނުތިބޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ މި ފަހުން ފެންމަތިވިއިރު، އެއީ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު އިތުރުކުރުމަށް ކުރާ ކަމެއް ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލައިގައި ޕީއެންސީއަށް ތުހުމަތުކުރެވޭއިރު، އެހެން ބައެއް ޕާޓީތަކުންނާއި ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް، ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލައިފަ އެވެ.

އެ މައްސަލަ ބޮޑުވެފައި އޮއްވައި އައިޑީކާޑުތަކާއި ރައްޔިތުންގެ ލިޔެކިޔުން ބަލަހައްޓާ ޑީއެންއާރުގެ އޮފީސް އިމާރާތް ތެރޭގައި ޕީއެންސީއަށް ފޯމުފުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ ކަންކުރާ ފޮޓޯތަކެއް ވެސް ވަނީ މީސްމީޑިއާގައި ލީކުވެފައެވެ.

ޕީއެންސީން ވެސް ވަނީ ބައެއް ސައްހަކަން ކަށަވަރުނުކުރެވޭ ފޯމުތަކެއް އީސީއަށް ހުށަހެޅި ކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ހިނގި ކަމެއް ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.

ޕީއެންސީން ގިނަ އަދަދެއްގެ "ވަގު ފޯމު" ފުރިކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން ވަނީ އެ މައްސަލަ ތަހުގީގު ކޮށްދޭން އެދި ފުލުހަށް ހުށަހަޅާފަ އެވެ. އެގޮތުން ވަގު ފޯމު ފުރައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލަ އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް އިން ވެސް ވަނީ ފުލުހަށް މިއަދު ހުށަހަޅައިފަ އެވެ. ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީގެ 700 އެއްހައި މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved