

"ރާއްޖެ ދާން މި އުޅެނީ ތޯލިބާނުންގެ ޒަމާނަށްތޯ" ވިދާޅުވެ ރައީސް ޔާމީން މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ މީޑިއާތަކާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
"ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، މީޑިއާތަކާއި އިންޓަނެޓުގެ ޕްލެޓްފޯމުތައް ރެގިއުލޭޓުކުރަން ހުށަހަޅާ ބިލުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާއެއްގައި ކަމަށެވެ. މި ބިލުގެ މައިގަނޑު އެއް ބޭނުމަކީ އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރުން ކަމަށާއި ބިލު ފަރުމާކުރާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކަށް ވެސް ބަލައިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމްގެ މި ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ރޭ ވިދާޅުވީ ގާނޫނުތައް ހެދިޔަސް އަދަބު ލިބުނަސް ވަރިހަމަ ކަމަށް ވާހަކަ ދައްކާނެ މީހުން ތިބޭނެ ކަމަށާއި ޝުއޫރު ފާޅުކުރުމަކީ މީހުންނަށް ލިބިދޭ އަސާސީ ހައްގެއް ކަމަށެވެ.
އަސާސީން އެކަމެއް އަޅުގަނޑުމެންނަށް މަނައެއް ނުކުރޭ އިނގޭތޯ. ރާއްޖެ ދާން މި އުޅެނީ ތޯލިބާނުންގެ ޒަމާނަށްތޯ
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިނިވަންކަމާއެކު މީޑިއާ ހުޅުވާލާފައި ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ކެތެއް ނުވާނެ ކަމަށާއި މީޑިއާތަކުގައި މަލަން އަޅަން އުޅެނީ އެހެންވެގެން ކަމަށެވެ.
ނާޒިމް ދެއްކެވި ވާހަކަތަކާ ގުޅުވައި މީޑިއާގައި ރިޕޯޓްކުރުމާ އެކު ސަރުކާރުން ބުނީ ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރަން ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް އެފަދަ ބިލެއް ހިމަނާފައި ނުވާ ކަމަށް ވެސް ބުންޏެވެ.