

އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް މެޓުން ލަފާކޮށްފިއެވެ.
އެއިދާރާއިން ހާމަކުރި ގޮތުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާ ކުރެއެވެ.
އެގޮތުން ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމާއި ރާޅުތަކުގެ އުސްމިން 3 ފޫޓާއި 6 ފޫޓަށް އަރާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފައެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.