

ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަގާމުން ވަކިކުރައްވާފައި ކަމަށެވެ. އަދި އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
އޭނާއަކީ މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި ވަޒީރުންގެ ތެރެއިން ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދައި ފުރަތަމަކޮޅުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ބޭފުޅާ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް މުއިއްޒުގެ ކެމްޕޭންގައި އެންމެ އަރިހުގައި އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނަށް ވީތީ ކަމުގެ ތުހުމަތު ކުރި އެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަގާމަށް ފައިސަލް އައްޔަނު ކުރުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ހާއްސަ ގޮތެއްގައި އެ ދާއިރާއިން އޭނާގެ ތަޖުރިބާ ނެތުމުންނާއި ތައުލީމީ ސަނަދެއް ނެތުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
އަދި، އެކިއެކި އިވެންޓްތަކުން އިނގިރޭސި ބަހުން ވާހަކަ ދެއްކުން ކޮށިވެގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އެކަން ރަގަޅު ކުރައްވަން ފައިސަލް މަސައްކަތް ވެސް ކުރެއްވި އެވެ. ނަމަވެސް މާ ބޮޑު ކުރިއެރުމެއް ނުލިބި ފާޑުކިޔުން ދިޔައީ އިތުރުވަމުން ނެވެ.