

ސަވައިވަލް އޮތީ ރައީސް ޑރ، މުއިއްޒުގެ ބޫޓްގައި ދޫލައިގެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަދުރޭގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން މިއަދު ވަކިކޮށްފައިވާތީ އެކަމާ ގުޅުވައި ޖަމީލު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއަދު މި ފެނުނީ އަދުރޭ ޖެއްސެވި ހިސާބަށް ވީ ގޮތް ކަމަށެވެ.
އޭނަ ވިދާޅުވީ ޕީޕީއެމް އަދުރޭގެ އަތަށްދީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަކަރު ހަދައި ލަނޑުދީ އަނިޔާވެރިވީ ބާރުގެ ދަހިވެތިކަމުގައި ކަމަށެވެ.
ޕީޕީއެމް ނެތިކޮށް ރައްޔިތުންގެ މަޖްލިސް މުއިއްޒު މުށުތެރެއަށްލީ އެމީހުން ލައްވާ. ފައިސަލަ ށްފަހު، މިއަދު ޢައްސާން، ޝިޔާމް، ސައީދު އެންމެންގެ ސަވައިވަލް އޮތީ މުއިއްޒުގެ ބޫޓްގައި ދޫލައިގެން،
ޖަމީލު އިތުރަށް ވިދާޅުވީ މިއަދު ޕާޓީ އޮތީ މުއިއްޒު އަތުގައި ކަމަށާއި މިއަދު މި ފެނުނު މަންޒަރުން ވެސް އެނގުނީ އަސް ވިއްކިޔަސް ލަގަން ދޫކޮށްގެން ނުވާނެކަން ކަމަށެވެ.
ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
އޭނާއަކީ މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރެއްވި މިނިސްޓަރުންގެ ތެރެއިން ގާބިލްކަމާ ދޭތެރޭ ސުވާލު އުފައްދައި ފުރަތަމަކޮޅުގައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވި ބޭފުޅާ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް މުއިއްޒުގެ ކެމްޕޭންގައި އެންމެ އަރިހުގައި އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުންނަށް ވީތީ ކަމުގެ ތުހުމަތު ކުރި އެވެ.