

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެމްބަރުން އިުރުކުރުމަށް ބުނެ ނޭޝަނަލް ރެޖިސްޓްރޭޝަން ގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރީ ސިޔާސީ ޕާޓިތަކަށް ދޭ ފައިސާގެ ދަހިވެތިކަމުގައި ވެރިންގެ ހިޔަޅު ވިސްނުމުގެ ތެރެއިން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ތުހުމަތު ކުރައްވައިފިއެވެ.
"ޗެނަލް13"ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޑީއެންއާރުގައި ރައްކާކޮށްފައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ ފަހަތުގައި ބޮޑުން ތިބިއިރު އޭގެ މަގްސަދަކީ އަމިއްލަ މަންފާ ކަމަށާ އެގޮތުން ޕީޕީއެމް ޕީއެންސީއަށް އިލެކްޝަން ކޮމިޝަންގެ ތެރެއިން 20 މިލިއަން ނުވަތަ 30 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް މަލީހު ތުހުމަތުކުރައްވާފައިވެއެވެ.
މި ވަގުތު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ޕީއެންސީގެ ބޭފުޅުން ދިވެހި ރައްޔިތުންތަކެއްގެ ވަރަށް ގިނަ މައުލޫމާތުތަކެއްގެ ނަޖާއިޒް ބޭނުންކޮށް، ބައެއް މައުލޫމާތުތައް ވަގަށް ނަންގަވާ ސިޔާސީ ޕާޓީއަށް ވެއްދުމުގެ އޮތީ އެންމެ ބޭނުމެއް. އެއީ ދިވެހިރާއްޖޭގެ ބަޖެޓުން ދިވެހި ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށްދޭ ފައިސާގެ ބޮޑު ބައެއް އެ ޕާޓީއިން ނެގުމޭ
މަލީހު ވިދާޅުވީ، ފާޅުކަން ބޮޑުގޮތެއްގައި އެކަން ކުރިއިރު އެއީ ރައީސުލްޖުމްހޫރިއްޔާއާ މަޖިލިސް ރައިސް އަދި ބައެއް މެމްބަރުންގެ ގޮނޑިތައްވެސް ގެއްލިދާނެ ވަރުގެ ޖަރީމާއެއް ކަމަށެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ދާދި ފަހުން ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ މެމްބަރޝިޕު ޑްރައިވްގެ ތެރެއިން ގިނަ ރައްޔިތުންނަށް ނޭނގި އެ ރައްޔިތުން ޕީއެންސީއަށް ވަނި ވައްދާފައެވެ. އަދި އެ ރައްޔިތުން ޕީއެންސީއަށް ވެއްދީ ޑީއެންއާރުގައި ހުރި އެ ރައްޔިތުންގެ މައުލޫމާތު ބޭނުންކޮށްގެން ކަމަށް ތުހުމަތުކުރާއިރު އެފަދަ ފޯމުތަކުގައި ހެކިންގެ ގޮތުގައި މަޖިލިސް މެމްބަރުންނާ ސަރުކާރުގެ ޕީޑީ ލެވެލްއިން ފެށިގެން މައްޗަށްވެސް ސޮއިކޮށްފައިވާކަން ހާމަވެފައިވެއެވެ.