

ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ބޯޓެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވެނީ އެ ކުންފުނީގެ މުވައްޒަފުންނަށްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު އެނގޭ ފަރާތަކުން ނަން ހާމަ ނުކުރުމަށް އެދި "ތެރަ އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ހޯކްސް ކުންފުނި ބަދުނާމުވާ ފަދަ ގޮތަކަށް ފުލުހުން ބަޔާން ނެރެފައިވަނީ ސީދާ ސަރުކާރުގެ ތެރެއިން މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމުގެ ނުފޫޒުން ކަމަށެވެ. އަދި އެ ކުންފުންޏަށް ތުހުމަތުކުރާ ކަމަށް ބުނެފައިވަނީ ވެސް ސީދާ ސަރުކާރުގެ ތެރެއިން އެންގި އެންގުމަކަށްކަން ވެސް ވަނި މައުލޫމާތު ލިބިފައެއެވެ.
އެގޮތުން ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު' އާއި، ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑު ބަލައި ފާސްކުރަންވެސް އެންގީ ސީދާ ސަރުކާރުގެ ތެރެއިން ކަމާ އެ އޯޑަރަށް މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަސްޓަމްސްއިން އެ ބޯތުތަކަށް އަރާ ބަލާ ފާސްކުރިއިރު ގާތްގަނޑަކަށް 1.7 މިލިއަން ސިނގިރޭޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ހިދުމަތުން އޭރު ބުނެފައިވާއިރު، އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހޯކްސްގެ މުވައްޒަފުންތަކަކަށް ކަން ވަނީ ޔަގީންވެފައިކަމަށްވެސް އެމީހާ ވަނީ ކިޔާދީފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ރާއްޖެއަށް 200 މާސްޓަ ކާޓަން މެންޗެސްޓަ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލަ އެ ހިދުމަތާއި ކަސްޓަމްސްއިން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހަމައެހެންމެ މި މައްސަލައިގެ ތަހުގީގު ބިނާވެފައި ވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާ އަދި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިން ކުށް ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
ތުހުމަތު އަމާޒުވަނީ ކުންފުންޏަށްތޯ ނުވަތަ މުވައްޒަފުންނަށްތޯ އަހާ ތޭރަ އޮންލައިން ކުރި ސުވާލަށް ފުލުހުން ވަކި ޖަވާބެއް ދީފައިނުވެއެވެ
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ހޯކްސް ކުންފުނިން އޭރު ބުނީ، މި ކަމުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، ސިނގިރޭޓު އެތެރެކުރި މުވައްޒަފުން އެކަން ކުރީ އަމިއްލަ މަންފާއަށް ކަމަށެވެ. އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން އޭރު ބުންޏެވެ.