ރައީސް މުއިއްޒު މާރަންދޫ ކައުންސިލް މެމްބަރުންނާ އެކު / ރައީސް އޮފިސް
ސިޔާސީ
މާލެއިން ބޮޑެތި ވަފްދުތައް ދަތުރުފުޅުގައި ބައިވެރިވާތީ ކިޔާފާޑުގެ ދިފާއުގައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށް!
29 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި މާލެއިން އެމަނިކުފާނުގެ އަރިހުގައި ބޮޑެތި ވަފްދުތައް ބައިވެރިވުމަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރަމުންދިޔަ ނަމަވެސް އެ ވަފްދުތަކުގެ ބޭނުމަކީ ރަށް ރަށަށް ގެންނަން ޖެހޭ ތަރައްގީ ގެނައުމަށް މައުލޫމާތު ބަދަލުކުރުމުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ހއ މާރަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އެއްވެސް ވައުދެއް ފުއްދާނުވާ ކަމަށާ ނަމަވެސް މިހާރު އަނެއްކާވެސް ބޮޑެތި ޚަރަދުކުރައްވާ ރަށްރަށަށް ބޮޑެތި ވަފްދުތަކާ އެކު ދަތުރުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ކަރަދުކުރައްވަމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ ފާޑުކިޔާފައިވެއެވެ.

އެ ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، އެއީ ރަށް ރަށަށް ބޭނުންވާ ތަރައްގީގައި އެއްކުރަން ޖެހޭ މައުލޫމާތާ އަދި ބަދަލުކުރަން ޖެހޭ މައުލޫމާތު ހިއްސާކޮށް ނަތީޖާ ނެރުމަށް މުހިއްމުކަމެއް ކަމަށެވެ.

އަޅުގަނޑު އެކަނިވެސް އާދެވޭނެ ދަތުރުތަކުގައި އައިސްފައި ހަމަ ކައުންސިލާ ބައްދަލުކޮށްލާފައި ކައުންސިލުގެ ފަރާތުން ވިދާޅުވާ ކަންކަން ނޯޓުކޮށްލައިގެން ގޮސް އެކަން ވޭތޯ ބަލައިދޭނަމޭ ނޫނިއްޔާ އެކަހަލަ ގޮތަކަށްވެސް ޖަވާބު ދެވޭނެ. އަޅުގަނޑުމެން ބޭނުންވީ ވަރަށް އަވަސް ފުރުސަތެއްގައި ކަންކަން ހަމަޖެހިގެން ގޮސް ނަތީޖާ ނެރެވޭނެ ގޮތަކަށް ބާރު ސްޕީޑުގައި ގެންދިޔުން.. ހަރަދު ބޭކާރުވާނީ ހަގީގަތުގައި ލަސްވެގެން ގޮސް ގެއްލިގެންދާ ދުވަސްތަކުން އެ ލިބޭ ގެއްލުން މާ ބޭކަރު ހަރަދުތަކަށް އެބަވޭ

- ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައާ މަޖިލިސް އިންތިޚާބުގެ ދުވަސްވަރުވެސް އެމަނިކުފާނު ވަނީ އެކި ރަށް ރަށަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ނޯޓުކުރައްވާފައެވެ. ނަމަވެސް ވެރިކަމަށް އަހަރު ވެގެން ދިޔައިރުވެސް ރައްޔިތުންނަށް ވީ އެއްވެސް ފައިދާއެއް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ފާހަގަކުރެއެވެ.

ރައީސް މުއިއްޒު ބޮޑެތި ވަފްދުތައް ދަތުރުގައި ބައިވެރިކުރައްވަނީ އެމަނިކުފާނަށް ތާއީދުނެތުމުން ރަށް ރަށުގައި ބާއްވާ ޖަލްސާތަކުގެ ގޮނޑިތައް ފަޅުފިލުވުމަށް ކަމަށްވެސް ގިނަ ރައްޔިތުން ބުނެއެވެ.

ވޭތުވެދިޔަ 2024 ވަނަ އަހަރު ސަރުކާރުން ނިންމާލީ ދައުލަތުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައެޅި އަދަދަށްވުރެ އެތައް މިލިއަން ރުފިޔާއެއް އިތުރަށް ހަރަދުކޮށްގެން ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފިނޭންސުން ކޮންމެ ހަފުތާއަކު އާންމުރާ ދައުލަތުގެ މާލީ ހިސާބުތައް ދައްކާގޮތުން ޑިސެމްބަރު 26، 2024، ގެ ނިޔަލަށް ދައުލަތުގެ ދަތުރުފަތުރަށް ޖުމްލަ 266.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ދަތުރުފަތުރަށް ކަނޑައަޅާފައި އޮތީ 228.3 މިލިއަން ރުފިޔާ އެވެ. އެއީ ބޭރު ދަތުރުތަކަށް ކަނޑައެޅި 69 މިލިއަން ރުފިޔާ އާއި ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ކަނޑައެޅި 53 މިލިއަން ރުފިޔާ އަދި ކަނޑުގެ ދަތުރުތަކަށް ކަނޑައެޅި 44 މިލިއަން ރުފިޔާ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved