

މިހާރު ތިލަދުއްމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން ރައީސް މުއިއްޒު ރޭ ހޯރަފުށީގައި ބޭއްވި ޖަލްސާގައި "ހުސްގޮނޑި" ގިނަ ވެއްޖެ އެވެ.
ތިލަދުންމަތީ އުތުރުބުރީގެ އެންމެ ތަރައްގީ އަދި އާބާދީ ބޮޑު އެއް ރަށް ކަމުގައިވާ ހޯރަފުއްޓަކީ ނިމުނު ސަރުކާރުތަކުން އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފަށައިފައިވާ ރަށެކެވެ. ނަމަވެސް މުއިއްޒު ވެރިކަމަށް މި ވީ 14 މަސް ދުވަހު ހޯރަފުށީގެ ތަރައްގީ އަށް ކޮށްދެވުނު ކަމެއް ނެތުމުން ގިނަ ރައްޔިތުން ވަނީ މުއިއްޒު ދެކެ ފޫހިފަވެފަ އެވެ.
ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މުއިއްޒު ސަރުކާރުން ބޭއްވި ޖަލްސާއަށް ލިބުނު ފިނި ތަރުހީބުގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޖަލްސާގެ ހާޒިރީންނަށް ޖެހި ގޮޑިތައް ހުރީ ހުހަށެވެ.
ތިން ދުވަހުގެ މުއްދަތަށް ހއ. އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.