

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަން ކަމަށް އެ ރަށުގެ ކައުންސިލުން ބުނެފިއެވެ.
ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ އެރަށުގެ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާއި، އެންމެ ބޭނުންވާ ކަންކަން ފެށިގެން ދާނެކަމުގެ އުންމީދުގައި ތިބި ނަމަވެސް ރައީސް އެރަށަށް ވަޑައިގެން ދެއްކެވި ވާހަކައިގައި އެކަންކަން ފުރިހަމަ ގޮތެއްގައި ފާހަގަ ކުރައްވާފައި ނުވުމުގެ ސަބަބުން ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަންކަމަށްވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން އެ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ އަމަލީ މަސައްކަތް ފެށިފައިވާ ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް މިހާރަށް ވުރެ އަވަސްކޮށް ހިދުމަތް ވީ އެންމެ އަވަހަކަށް ފެށުމާއި، ރައީސްގެ ވައުދެއް ކަމުގައިވާ ޒަމާނީ ވަސީލަތްތަކާއެކު ހޯރަފުށީގައި ކުނިކޮށްޓެއް ގާއިމު ކުރުމާއި، ކުނިކޮށީގެ ބިން އިތުރުކުރުމާއި އެކު ވެމްކޯގެ އެހީތެރިކަމާއެކު މި އަހަރު ކުނި މެނޭޖުކުރުމަށް ފެށުން ހިމެނެއެވެ.
މީގެ އިތުރުން ހައުސިން ޔުނިޓުތައް ގާއިމުކުރުމާއި ބިން ހިއްކުމާއި ހޯރަފުށީގައި އެމްއެންޑީއެފްގެ އިމާރާތެއް ގާއިމުކުރުންވެސް ހިމެނެއެވެ.
ތާރީހީ ގޮތުން ހޯރަފުށީގެ ރައްޔިތުން އެންމެ ފުރަތަމަ ދިރިއުޅުނު ރަށަކީ ހއ. ހުވަހަންދޫ ކަމަށް ވީހިނދު އަދި ސިނާއީ މަސައްކަތްތަކާއި އެނޫންވެސް ބޭނުންތަކަށް ނުހަނު މުހިއްމު ރަށަކަށްވުމުން ހއ. ހުވަންދޫ ހޯރަފުށީގެ އިހުތިސާސްގެ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުމާއި ހއ ވެލިފިނޮޅު އަލުން ހޯރަފުށީގެ އިހުތިސޯސްގެ ތެރޭގައި ހިމެނުމާއި އެކު ރަށުގެ ބަނދަރު ޒަމާނާ އެކަށީގެންވާ ގޮތަށް ބޮޑުކޮށް ހޯރަފުށީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުންވެސް ހިމެނެއެވެ.
މީގެ އިތުރުން ހިނަވާގެއެއް ނެތުމުގެ ދަތިކަމަށް ހައްލެއް ހޯދާ ފުރިހަމަ އިސްލާމިކް ސެންޓަރެއް ބިނާކޮށް އިންޑޯ ގޭމްތައް ކުޅެވޭ ކޮމިއުނިޓީ ކޮމްޕްލެކްސްއެއް ގާއިމުކޮށް ދިނުމާއިއެކު އައިޑީ ކާޑް ޕްރިންޓުކޮށް ޕާސްޕޯޓުގެ ހިދުމަތް ފެށުމާއި ގެސްޓުހައުސް ޒޯނަށް ދާއިމީ ފެނާއި ނަރުދަމާ އަދި ކަރަންޓު ލައިދިނުމަށް އަވަސްކޮށް ދިނުންވެސް ހިމެނެއެވެ.
އަދި ބޮޓްލިން ޕްލާންޓު ވީހާ ވެސް އަވަހަކަށް ހިދުމަތަށް ގެނެސްދިނުމަށާއި އައިސްޕްލާންޓުގެ ހިދުމަތް ވީހާވެސް އަވަހަކަށް އަލުން ފެށުމާއިއެކު އަމަލީ މަސައްކަތް ފެށިފައިވާ ފެނަކަ އޮފީސް އާ އިމާރާތް ވީހާ ވެސް އަވަހަކަށް ނިންމާލުމާއިއެކު ކަނބަލުންނަށް ހާއްސަކޮށް ހޭންޑް ބޯލް ކޯޓަކާއި އައުޓު ޑޯ ޖިމެއް ގާއިމުކޮށް ދިނުމަކީވެސް އެ ރަށުގެ ރައްޔިތުން އެދޭ ކަމެއްކަމަށް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.