

އައްޔަންކޮށްފައި ހުރި އެއްވެސް މަގާމަކުންވެސް އަދި މަޖިލީހުގެ ދާއިރާގެ މެމްބަރުކަމުން ވެސް އިސްތިއުފާ ނުދޭނެ ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ ވިދާޅުވިކަން ހާމަވެއްޖެއެވެ.
އަބްދުއްރަހީމުއާ ގާތް ގުޅުން އޮންނަ މަޖިލިސް މެމްބަރަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ތޭރަ އޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މަޖިލިސް ރައީސް ކަމުންނާ ޕީއެންސީގެ ޗެއަރ ޕާސަންގެ މަގާމުން ވެސް އިސްތިއުފާ ދިނުމަށް އޭނާއަށް ރައީސް ޑރ މުހައްމަދު މުއިއްޒާ އަދި ސަރުކާރުގެ ތެރެއިން ވެސް ގެންދަނީ ޕްރެޝަރކުރަމުންނެވެ.
ނަމަވެސް އަބްދުއްރަހީމުގެ އަޒުމަކަށް ބަދަލެއް ނާންނަ ކަމަށާ އޭނާ ހުރީ ސާބިތުކަމާ އެކު މަގާމުތަކުގައި ދެމިހުރުމުގެ ގަޓާ އެކު ކަމަށްވެސް އެ މެމްބަރު ވަނީ މައުލޫމާތު ދިފައެވެ.
އޭނާ އިތުރަށް ވިދާޅުވީ އަބްދުއްރަހީމު ވަނީ އިސްތިއުފާ ނުދޭނެ ކަމުގެ ޔަގީންކަން އެ މެމްބަރަށް އަރުވާފައެވެ.
ރައީސް ވިދާޅުވީ އިސްތިއުފާއެއް ނުދެއްވާނަމޭ. ނަގާ ހޫރާލަންޏާ ހޫރާލަށޭ. ޙުރާލަންދެން ތިމަންނަ ހުންނާނީ ތިމަންނަގެ ގޮތުގައޭ.
އަބްދުއްރަހީމު އާ ރައީސް މުއިއްޒުއާ ދެމެދު މި ފަހުން ވަނީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށް ވެއެވެ. އެގޮތުން މައްސަލަ އެންމެ ބޮޑަށް ގޯސްވެފައިވަނީ އަބްދުއްރަހީމުގެ ދަރި އިބްރާހިމު ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމުންނެވެ.
އޭގެ ފަހުން ރައީސް މުއިއްޒުގެ އެންގުމަށް ޕީއެންސީ އޮފީހުގައި ހުރި އަބްދުއްރަހީމުގެ ކެބިންގެ ތަޅު ބަދަލުކޮށް އެ އޮފީހަށް ނުވަނުމަށް އަބްދުއްރަހީމަށް އަންގާފައިވާ ކަމަށްވެއެވެ.