

ވެރިކަމަށް ވަޑައިގެން އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނުގައި ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަ ކޮށް ނުދެއްވާ ރައީސް މުހައްމަދު މުއިއްޒުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވައިފިއެވެ.
މިއަދު ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައި މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު އެތައް އިތުރު ވައުދުތަކެއް ރައްޔިތުންނަށް ވެވަޑައިގެންފައެވެ،
އެގޮތުން ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް 1،000 ޑޮލަރު ދޫކުރަން ފެށޭނެ ކަމަށާ، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެ ވާހަކައާ މި އަހަރު ތެރޭ ޕަބްލިކު ޑިފެންސް އޮފީހެއް ގާއިމުކުރާނެ ކަމަށާ މިއަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާނެ ކަމަށާ ސިނގިރޭޓުގެ އަގު ބޮޑުކުރުމުން ލިބޭ އާމްދަނީ، އެއާ ގުޅޭ ބަލިތަކުން ދުރުހެލިވުމަށް ހަރަދުކުރާނެ ކަމަށާ ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ގިނަ ރައްޔިތުން އިންތިޒާރުކޮށްގެން ތިބި ގެދޮރުވެރިޔާ ފްލެޓުތަކަށް އަނެއްކާ ވެސް އިތުރު ތާރީހެއް ދީފައިވެއެވެ އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި މަހު ފްލެޓް ލިސްޓު އިއުލާން ކުރާނެ ކަމަށާ ސެޕްޓެމްބަރު މަހު ފްލެޓުތައް ދޫކުރާނެ ކަމަށެވެ.
ރައީސް މުއިއްޒު އަނެއްކާވެސް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފައިވާއިރު ނިމިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވި ގިނަ ކަންކަން ހުރީ ފުރިހަމަކޮށްނުދެއްވާއެވެ.
އެގޮތުން ސަރުކާރުގެ ޚަރަދު ކުޑަ ކުރާނެކަމަށް ވިދާޅުވި ނަމަވެސް ޚަރަދު ކުޑަނުވެއެވެ. އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަންވެސް ބަދަލުވީއެވެ. ގެއްލުނު ކަނޑުގެ ބައި ހޯދާނެ ކަމަށް ވިދާޅުވެ އެކަން ވެސ ްނުކުރައްވައެވެ. ގިރާވަރު ފަޅާ ގުޅިފަޅު އަދި ރަސްމާލެ ތަރައްގީކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެއިން އެއްވެސް ތަނެއްގެ އަމަލީ މަސައްކަތް ނުފަށައެވެ. އިންޓަރެސްޓު ކުޑަކޮށް ގެދޮރުވެރިކަމަށް ލޯނު ދޫކުރާނެކަމަށް ވިދާޅުވި ނަމަވެސް އެކަން ނުކުރައްވައެވެ. ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާނުލައްވައެވެ. ވެލާނާ އެއާޕޯޓު ނުނިންމައެވެ. ސަބްސިޑީ ނިޒާމު ބަދަލުނުކުރެއެވެ. ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ނުހުއްޓެއެވެ. ކަރަންޓުގެ މައްސަލަ ހައްލުކޮށް އަގު ހެޔޮ ނުކުރެއެވެ. 20 ރިސޯޓު ނުހުޅުވައެވެ. ސަރުކާރުގެ ހުރިހާކަމެއް ހާމަނުކުރެއެވެ. ވަޒީރުންގެ އަހާ ފޯރަމް ހުއްޓިފައެވެ.
އެހެންކަމުން މިއަދު ރައީސް މުއިއްޒު އިއްވި ރިޔާސީ ބަޔާނުގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ފުރިހަމަ ވާނެ ކަމާ މެދު ގިނަބަޔަކު ސުވާލު އުފައްދައެވެ.