

ރިޔާސީ ވައުދަކީ ރައްޔިތުން އެ ވައުދުތަކަކާ މެދު ނުހަނު ފޮނި އުއްމީދުތަކެއް ކުރާ ވައުދުތަކެކެވެ. އެހެނީ ކޮންމެ ރައީސަކު ހުރި ނަމަވެސް ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ހިފައިގެން އަންނަ މެނިފެސްޓޯއާ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވާ ވައުދަކީ ރައްޔިތުން އެކަންކަމަށް ބަލާ އިންތިހާބުގައި ވޯޓުދޭ ކަންކަމަށްވުމުންނެވެ.
އެގޮތުން ޑރ މުހައްމަދު މުއިއްޒުވެސް ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުން ނުހަނު ދިގު ގިނަ ވައުދުތައް ވެވަޑައިގެންނެވެ. އޭގެ ތެރޭގައި ގިނަ ބަޔަކު އިންތިހާއަށް ބޭނުންެފައި ހުރި ކަންކަން ހިމެނެއެވެ. އެގޮތުން "ވާނުވާ" ބަންދު މިއީ ގިނަ ބަޔަކު އުވާލަން ބޭނުންވެ އަދި އޭގެ މައްޗަށް އެތައް މަސައްކަތެއް ކުރެވި ކާމިޔާބު ނުވި އޮތްކަމެއް ކަމުން ރައީސް މުއިއްޒު ދިވެހީންގެ ރާއްޖޭގެ މެނިފެސްޓޯގެ ބަނޑޭރި ގަނޑު ބެއްލެވުމަށް ފަހު އެ ބަންދާ ގުޅުވާ މުހިއްމު ވައުދެއް ވެވަޑައިގެންނެވިއެވެ. އެއީ ވާނުވާ ބަންދު ނިމުމަކަށް ގެނެސް މީހަކު ތުހުމަތެއްގައި ތަހުގީގުކުރަން ބެހެއްޓޭނީ އެންމެ ގިނަވެގެން 48 ގަޑިއިރު ކަމަށް ކަނޑައަޅާ ގާނޫނަށް އެ ބަދަލު ގެންނާނެ ކަމަށް ވިދާޅުވިއެވެ
ނަމަވެސް ވެރިކަމަށް 1 އަހަރާ ދެ މަސް ފާއިތުވެގެން ދިޔައިރުވެސް އެ ވައުދަށް ވަނީ ފަރުވާއެއް ނުހޯދި ބަލި ތަހައްމަލު ކުރަމުންދާ މީހުން ނާއުއްމީދުވެފައެވެ. މިކަމުގައި އެންމެ ބޮޑަށް ފާހަގަވީ ކަމަކީ އެކަމާ ގުޅުވާ ރިޔާސީ ވައުދެއް އޮތް މިކަމުގައި ވައުދު ނުފުއްދަވާ ހުންނަވަނިކޮށް "ވާނުވާ" ބަންދުގައި ހުރި މީހަކު ޖަލުގައި ނިޔާވެފައެވެ.
2024 ވަނަ އަހަރުގެ ޖޫން މަހުގެ 28 ދުވަހު ޖަލުަގއި ނިޔާވި ށ. ފުނަދޫ، ޒަމާނީ ވިލާ، މުޙައްމަދު ޖަމީލް (45 އަހަރު) އަކީ ނަފްސާނީ ބަލިވެސް ތަހައްމަލުވެސް ކުރަމުން ދިޔަ މީހެކެވެ. ކުރީގެ ސްޓޭޓު މިނިސްޓަރު އަލީ ސޯލިހަށް ހަމަލާދިން މައްސަލައެއް ގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރީއެވެ. އޭނާ ނިޔާވިކަން ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް އެނގުނީ ވެސް އެތައް އިރެއް ފަހުންކަން ކަމާ ގުޅުން ހުރި އިދާރަތަކުންއިއުތިރާފުވެފައިވެއެވެ.
ކޮންމެ އަކަސް ރިޔާސީ ވައުދެއް ކަމަށްވާ ވާނުވާ ބަންދު އުވާލުން ކުރިއަށް ނުކަނޑާ އޮއްވާ މަރެކެވެ.
އޭގެ ގާތް ގަޑަކަށް ހަތް މަސް ފެހެވެ. ސިނަމާލެ ބުރިޖުން ހުޅުމާލެއިން މާލެއަށް އައި ބިދޭސީއަކު، ބުރިޖުމަތީ ޖަހާފައި ހުރި ކޯނުތަކެއްގައި ޖެހި ވެއްޓި ހިނގި އެކްސިޑެންޓެއްގައި ދުނިޔެ ދޫކުރިއެވެ. ކޯން ޖަހާފައި ހުރީ ބުރިޖުގައި، އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން ގާއިމުކުރި ސޯލަރ ޕެނަލްތަކުގައި ދަވާދުލާ މަރާމާތު ކުރުމަށް މަސައްކަތްކުރަން މަގުގެ އެހިސާބު ބަންދުކުރަންށެވެ.
ބިދޭސީ މީހާ އެ ކޯންތަކުގައި ޖެހި ވެއްޓި ލިބުނު އަނިޔާގައި ބިންމަތިން ނެތެދުވެވިގެން އުޅެނިކޮށް އެ މަގުން ދިޔަ އެހެން ސައިކަލެއް އޭނާގެ ބޯމަތިން ދިއުމުގެ ސަބަބުން ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް މަރުވީއެވެ.
ސޯލަރ ޕެނަލްތައް އެ ހިސާބުން ނެގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ޕެނަލްތަކުގެ ސަބަބުން ހަލިމަގުގައި ގިނަ އެކްސްިޑެންޓުތައް ހިނގާކަން ފާހަކޮށް ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވީ އެ ޕެނަލްތައް ނަގާނެ ކަމަށެވެ.
ވެރިކަމަށް އަހަރަކާ ދެ މަސްވެގެން ދިޔައިރު އަދިވެސް އެކަމަށް އަމަލީ ސިފައެއް ގެންނަން އެއްވެސް މަސައްކަތެއް ސަރުކާރުން ނުކުރެއެވެ. ރިޔާސީ ވައުދުތައް ނުފުއްދާ ފުނި ޖަހާ ބަހައްޓައިގެން ރައީސް މުއިއްޒު ގެންދަވާއިރު ރިޔާސީ ވައުދުތައް ނުފުއްދާ ހުއްޓާ އެކަންކަމާ ގުޅިގެން ހާދިސާތައް ހިނގާ މަރުތައް މިދަނީ އިތުރުވަމުންނެވެ.