ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
މަސްވެރިންނަށް ފައިސާ ދޭ ވާހަކަ ބުނާއިރު ނުކިރިގެން އުކާލާ މަހުގެ ވާހަކަވެސް ދައްކަވާ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
06 ފެބްރުއަރީ 2025
މާލެ ސިޓީ

48 ގަޑިއިރުގެ ތެރޭގައި މަސްވެރިން ބާނާ މަހަށް ހަމަ އަގަށް ފައިސާ ދޭނެ ކަމަށް ބުނެ ވީ ވައުދު ފުއްދަމުން ގެންދާކަމަށް ރައީސް މުހައްމަދުގެ ސަރުކާރުން ހާމަކުރރާއިރު މަސްވެރިން ބާނާ މަހުގެ ތެރެއިން ކިރޭ މަހުގެ އަދަދާ ނުކިރޭ މަހުގެ އަދަދުވެސް ހާމަކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ބެއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ މަސްވެރިންނަށް ފައިސާ ދޭ ވާހަކަ ދައްކަވާ ސަރުކާރުގެ ވެރިން މެޑަލް ޖައްސަވަމުންދާއިރު، ބާނާ މަސް ނުކުރި މަސްވެރިން ކަނޑަށް އުކާލަން ޖެހެ މިންވަރާ މަސްނުކިރިގެން އެނބުރި ރަށަށް އައިސް ނުއަގުގައި ވިއްކާ މަހުގެ ވާހަކަ ވެސް ސަރުކާރުގެ ވެރިން ދައްކަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މަސް އަޅަން ބޭނުންވާ އައިސް ނުލިބި މަސްތައް ހަލާކުވެ މަސްވެރިންނަށް އެތައް ޓަނެއްގެ މަސް އުކާލަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފޮނި ކަނޑާފަ މި ދައްކާ ވާހަކައަކީ މިހާރު 48 ގަޑި އިރު ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ތެރެއިން މި ފައިސާ ލިބެޔޭ. ނުބުނާ ވާހަކައަކީ ކިތައް ދޯނިން ކިތައް ޓަނު ހޭ ކިރަނީ. ކިތައް ދޯނިން ނުކިރާ ދޫކޮށްލަނީ. މަސްވެރިކަން ރަގަޅުވެ މިހާރު މިދާ ދުވަސްތަކުގައި އުތުރުގަ އެބަހުރި މަސް ނުކިރެގެން ރަށަށް އައިސް ދެ ރުފިޔާއަށް ކިލޯއެއް ވިއްކާފަ. މި ސަރުކާރު އައިސް މިއޮތީ ގާތްގަޑަކަށް ކިލޯއެއް، 12 13 އަށް ޖައްސާފަ ތިރިކޮށްލާފަ. މީ 25 ރުފިޔާއަށް ވުރެ ކިލޯ ދަށް ނުކުރާނަމޭ ބުނި މީހުން. ދެން މިކަން ހައްލުކުރަން ފުރަތަމަ މި ކުރި ކަމަކީ އަގު ދަށްކޮށްލީ. އަގު ދަށްކޮށްލާފަ ދެން މި ބުނަނީ 48 ގަޑިއިރުގެ ތެރޭގައި މިކަން ކުރާނަމޭ. 48 ގަޑިއިރުގެ ތެރޭގައި ބާނާ މަހެއްގެ ދޭ ލާރިއެއްގެ މެޑަލް ޖަހަން މިއުޅެނީ. ރައްޔިތުންނަށް ކޯއްޗެއްހޭ އޮޅުވާލަން މިއުޅެނީ. ކޯއްޗެއްހޭ ދޫކޮށްލަނީ.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގައި އެންމެ ކުލަދާނަ ސަރުކާރު ކަމަށާ ނަމަވެސް މަސްވެރިކަމުގެ ސިނާއަތަކީ ޒުވާނުންނާ ވެސް މިހާރު ވަރަށް ބޮޑަށް ގުޅިފައި ހުރި ކަންކަން ކަމަށް ވުމުން މަސްކިރުމާ ގުޅުވާ ސަރުކާރުން ހަދާ ދޮގުތައްވެސް އެނގުން މުހިއްމު ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved