

ދިވެހިރާއްޖެ ގަބޫލުކުރާ އެއްވެސް ދިވެއްސަކު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅުހަދާކަމަށް ގަބޫލުނުކުރާނެ ކަމަށް އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމް ވިދާޅުވެއްޖެއެވެ.
"ޗެނަލް13"ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، ގައުމުގައި ކޮރަޕްޝަންގެ މޫތައް އެންމެ ގަދައަށް ފެތުރިފައިވަނީ ވެރިންގެ މެދުގައި ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ ހައްގުގައި ކޮށްދޭން ޖެހޭ މަސައްކަތްތަކާ މެދުވެސް ސަރުކާރުން އިހުމާލުވަމުން ގެންދާކަން އަލީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އަލީ އިތުރަށް ވިދާޅުވީ، ދައުލަތުގެ ވުޒާރާތަކުން ފެށިގެން ގޮސް ކުންފުނިތަކާ ހަމައަށްވެސް މިއަދު އޮތީ ވައްކަމާ ކޮރަޕްޝަން ކަމަށާ އެއިން ކަމަކާ މެދު ސަރުކާރުން ފިޔަވަޅެއް އެޅުން އެއް ކިބައިގައި އޮއްވާ ކުށްވެރިކޮށް ބަޔާނެއްވެސް ނެރެލަން ނުކެރޭކަމަށެވެ.
އެގޮތުން އެކަމުގެ އެއް މިސާލެއްގެ ގޮތުގައި އަލީ ނެންގެވީ ދާދި ފަުން ނޭޝަނަލް ރެޖިސްޓްރޭޝަން ތެރޭގައި ވެރިކަން ކުރާ ޕާޓީއިން ހިންގި ބޮޑު ވައްކަމުގެ ހާދިސާގައި ސަރުކާރާ ރައީސުލްޖުމްހޫރިއްޔާވެސް ހަނު ތިއްބެވި ތިއްބެވުމެވެ.
ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު، ދިވެހިރާއްޖެ ދަންނަ ދިވެއްސަކު ގަބޫލުނުކުރާނެ ސަރުކާރުން ކޮރަޕްޝަނާ މެދު ފިޔަވަޅެއް އަޅާނެ ކަމަކަށް. މި ދެންނެވީ ނޫންތޯ ބަޔާންގަނޑެއްވެސް ނެރެނުލެވެޔޭ ދިވެހިރާއްޖޭގައި ކަންތައްގަނޑެއް ހިނގައިގެންދާއިރު. މި ދަންނަވަނީ ޒާތީ އަޅުގަޑުމެންގެ އަމިއްލަ އޯން އިންފޯމޭޝަންސްއިން ވައްކަން ކުރި ވާހަކަ. ޕިއްޒާ ފަރިއްކުޅުވި ވާހަކަ. ދައުލަތުން އެބަފެނޭ ފޯމުތަކެއް. އެއީ ދައުލަތުގެ ވުޒާރާއެއް. ދައުލަތުގެ ވުޒާރާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތެއް އެ ހިނަގނީ. ގައިމުވެސް އެއީ އިލެކްޝަންސް ކޮމިޝަނެއް ނޫން. އިލެކްޝަން ނަމަ އެތާ ހުންނާނެ ސިޔާސީ ޕާޓީތަކުގެ ފޯމުތަކާ އެހެނިހެން އެއްޗެހި. އެކަމަކު މިއީ ދިވެހި ރައްޔިތުންގެ އެންމެ އަސާސީ މައުލޫމާތު ރައްކާކުރަން ޖެހޭ ތަނުގެ ވާހަކަ. ދެން އެއިން ވައްކަންކުރާ ބަޔަު ރުފިޔާއިން ވައްކަންނުކޮށް މުދަލުން ވައްކަންނުކޮށް ގޯތިގެދޮރުން ވައްކަންނުކޮށް ހުންނާނެކަމަށް ގަބޫލުކުރާނެ އެއްވެސް އިންސާނަކު ދިވެހިރާއްޖޭގެ މި އުޑުދަށުގައި ހުރެދާނެ ކަމަކަށް އަޅުގަޑު ގަބޫލުނުކުރަން
އަލީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތަންފީޒި އިދާރާތައް މިއަދު ހުރީ ސިޔާސީ ކަސްތޮޅުން ތަޅު އެޅުވިފައި ކަމަށާ ތަންފީޒީ އިދާރާތަަކަށް އައްޔަންކުރާ ވެރިންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭބޭފުޅުންނަށް ވުމަކީ އޭގެ މައިގަނޑު ސަބަބު ކަމަށެވެ.