

ދިވެހި ދިދައަށް އުނިއިތުރުކަމެއް އަންނަ ގޮތަކަށް އޮޓޯގުރާފުދީ ހެއްދެވުމަކީ އެ ދިދައަށް ކުޑައިމީސް ކަމެއްކަމަށް އިސްލާމިކު މިނިސްޓްރީގެ ކުރިގެ ނައިބު އަލީ އާދަމް ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވީ ފަރސްޓް ލޭޑީ ސާޖިދާ މުހައްމަދު ދިވެހި ދިދައިގައި ސޮއިކުރައްވާ ކުޑަކުދިން ތަކަކަށް އޮޓޯގުރާފު ދެއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަލި ވަނީ ދިވެހި ދިދައަށް ބަދަލު އަންނާނެ ގޮތަށް ދިދައިގައި ކުރަހާ އޭގެ އަސްލަށް ބަދަލު ގެނެވިދާނެތޯ ނޫނީ އޭގައި ކުރަހާ ސޮއިކޮށް ހެދުމަކީ ދިވެހި ދިދައަށް ކުރެވޭ ހުރުމަތް، ކަނޑާލުން ކަމުގައިނުވާނެތޯ އައްސަވާ ސުވާލެއް މުޖުތަމައަށް އަމާޒުކުރައްވާފައެވެ.
އެގޮތުން ގައުމިއްޔަތުގެ އެންމެ މަތީ ކުރިބޯށީގައި ދިވެހިންގެ މިނިވަންކަން ގާއިމު ކޮށްދިނުމުގައި މިނިވަންކަމާއެކީ ހުންނަ އެއްޗަކީ ދިވެހިންގެ ފަޚުރުވެރި ދިވެހި ދިދަ ކަން ފާހަގަކުރައްވާ އަލީ ވަނީ ދިވެހި ދިދައިގައި އޮޓޯގުރާފު ދީ ހެއްދެވުމަކީ ދިވެހި ދިދައަށް ކުޑައިމީސް ކަމެއްކަމުގައި އޭނާ ދެކޭ ކަމަށެވެ. އަދި އެކަމާ އެއްވެސް ބޭފުޅަކު ހިތްހަމަ ނުޖެހުން އޮތްނަމަވެސް އަލީ އެކަން ފާހަގަކުރެއްވީ އެ ދިދައަކީ އޭނާގެ ވެސް ގައުމަށްވެފައި އެ ދިދަ އަކީ އޭނާފެ ވެސް ދިދަ ކަމަށްވާތީ އެ ގޮތަށް ދިދައިގެ ހުރުމަތް ކަނަޑަލުމަކީ ދިވެއްސަކަށްވެހުރެ ހިތްހަމަ ޖެހޭ ކަމަކަށް ނުވާތީ ކަމަށްވެސް އަލީ ވިދާޅުވެފައިވެއެވެ.