މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ޕީއެންސީގެ ވަޓްސް އަޕް ގްރޫޕުތަކުން ބޭރުކޮށްފި / ސޯޝަލް މީޑިއާ
ސިޔާސީ
މަޖިލިސް ރައީސް އަދުރޭ، ޕީއެންސީގެ ރަސްމީ ހުރިހާ ވަޓްސްއަޕް ގްރޫޕުތަކުން ބޭރުކޮށްފި
07 ފެބްރުއަރީ 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޗެއަރޕާސަން، އަބްދުއްރަހީމު އަބްދުﷲ، އެ ޕާޓީގެ ރަސްމީ ހުރިހާ ވަޓްސް އަޕް ގްރޫޕަކުން ބޭރުކޮށްފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް، "ތޭރަ އޮންލައިން"އަށް މައުލޫމާތު ދިން ޕީއެންސީގެ މަޖިލިސް މެމްބަރު ވިދާޅުވީ، ކުރިން އެންގުމަކާ ވެސް ނުލާ އަބްދުއްރަހީމު ވަނީ އެ ޕާޓީގެ ހުރިހާ ރަސްމީ ވަޓްސް އަޕް ގްރޫޕްތަކުން ބޭރުކޮށްފައި ކަމަށާ އެކަން ކުރީ ގްރޫޕުތަކުގެ އެޑްމިންތަކަށް ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. މީގެ ތެރޭގައި ޕީއެންސީގެ ޕީޖީ ގްރޫޕަށް ޚާއްސަ ވަޓްސްއަޕް ގްރޫޕުވެސް ހިމެނޭކަމަށް ވެއެވެ.

އަބްދުއްރަހީމުގެ ބަހެއް މިކަމުގައި ހޯދާލަން ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީއާ އަދި ކުރި މެސެޖަށްވެސް ޖަވާބެއް ދެއްވާފައިނުވާތީ އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ވަޓްސް އަޕް ގްރޫޕުތަކުން އަބްދުއްރަހީމު ބޭރުކޮށްލި ކަމުގެ މައުލޫމާތު ލިބިފައިވާއިރު، އަބދުއްރހަީމު މަޖިލިސް ރައީސްކަމުން ވަކިކުރުމުގެ މަޝްވަރާތައް ރައީސް މުއިއްޒުގެ ފަޅިން ފަށާފައިވާ ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައިވެއެވެ. އަދި ކުޑަ ދުވަސްކޮޅެއްކުރިން، ޕީއެންސީގެ މައި އޮފީހުގައި ހުންނަ އަބްދުއްރަހީމުގެ ކެބިންގެ ދޮރުގެ ތަޅުވެސް ރައީސް މުއިއްޒުގެ އެންގެވުމަށް ބަދަލުކޮށް އަބްދުއްރަހީމަށް އެ އޮފީހަށް ވަނުން ވެސް މަނާކޮށްފައިވެއެވެ.

އަބްދުއްރަހީމާ ރައީސް މުއިއްޒާ ދެމެދު ގުޅުން ގޯސްވެ އަބްދުއްރަހީމުގެ ދަރިފުޅު އިބްރާހިމު ފައިސަލް ވަޒީރުކަމުން ވަކިކޮށް އަދި އަބްދުއްރަހީމުގެ އާއިލީ ބޭފުޅުންވެސް މަގާމުތަކުން ދަނީ ވަކިކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved