އެސްޓީއޯ ފާމަސީގެ މުވައްޒަފުންތަކެއް / ސޯޝަލް މީޑިއާ
ހަބަރު
މުހިއްމު ބައެއް ބޭސްތައް ނުލިބޭ މައްސަލައިގައި އާސަންދަގެ ސީއީއޯއަށް ސިޓިއެއް!
Mariyam Isaadha
މަރިޔަމް އިސާދާ
09 ފެބްރުއަރީ 2025
މާލެ ސިޓީ

ކޮންމެހެން ބޭނުންވާ މުހިންމު ބައެއް ބޭސްތައް ފަހަކަށް އައިސް ރާއްޖެއިން ގަންނަން ނުލިބޭތީ އެ މައްސަލަ ހައްލުކޮށްދިނުމަށް އާސަންދައިގައި އެދިއްޖެއެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއަށް އެޑްރެސްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމު (ކުޑޫ) ފޮނުއްވި ސިޓީގައި ވިދާޅުވީ ޑޮކްޓަރުން ލިޔެދޭ ބޭސް އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ.

ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖޭން ނުލިބޭ ކަމަށާއި މިއީ ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ކަންބޮޑުވުމެއް ކަމަށް ކުޑޫގެ ސިޓީގައި ފާހަގަކުރައްވާާފައިވެއެވެ.

ޑޮކްޓަރުން ލިޔެދޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބޭ މައްސަލަވެސް އާންމުވެފައިވާތީ އެކަންވެސް ކުޑޫ ވަނީ ސަމާލުކަމަށް ގެނެސްފައެވެ.

ހަކުރު ބައްޔާއި ކެންސަރު ފަދަ ބަލިތަކަށް ދާއިމީކޮށް ބޭނުންކުރަންޖެހޭ ބޭސްތަކަކީ އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސް ކަމަށް ކުޑޫ ވަނީ ވިދާޅުވެފަ އެވެ.

ކުޑޫގެ ސިޓީގައި ވަނީ ބޭސް ލިބުމުގައި ލޮޅުންތަކެއް އަރައިގެން އުޅެނީ ކީއްވެތޯ އަދި އެކަމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފައެވެ.

އާސަންދައިގެ ދަށުން ގިނަ ބޭސްތަކެއް ލިބެން ހުންނަނީ ސަރުކާރު ހިއްސާވާ ކުންފުނި އެސްޓީއޯއިން ހިންގާ ބޭސް ފިހާރަތަކުން ނަމަވެސް މިހާރު އެސްޓީއޯގެ ފިހާރަތަކުންވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. މި ސަރުކާރު އައިސް ބޭސް ސިޓީއަށް ސަލާން ޖަހަން ޖައްސައިފި ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved