ރައީސް ޔާމީންވަނީ މަރްހޫމު ޝިއުނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި / ތޭރަ އޮންލައިން
ހަބަރު
މަރްހޫމް ފާތިމަތު ޝިއުނާ އާއި ތުއްތު ދަރިފުޅުގެ އާއިލާ އަށް ރައީސް ޔާމީން ތައުޒިޔާ ދަންނަވައިފި
Hussain Nawaf
ހުސައިން ނަވާފް
09 ފެބްރުއަރީ 2025
މާލެ ސިޓީ

މަރްހޫމް ފާތިމަތު ޝިއުނާ އާއި ތުއްތު ދަރިފުޅުގެ އާއިލާ އަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުޒިޔާ ދަންނަވައިފި އެވެ.

ރައީސް ޔާމީން ތައުޒިޔާ އާއިލާއަށް އަރިސްކުރައްފާވައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ޝިއުނާއާ އަލަތު ފިރިހެން ދަރިފުޅާ ދެމައިންގެ މަރުގައި ކަމާ ގުޅުން ހުރި އިދާރަތަކުގެ އިހުމާލު އެބައޮތް ކަމަށެވެ.

މިކަމުގައި ސަރުކާރު އިހުމާލު އޮތް ކަން ހިޔާލަށް ގެންނަމުން މި ދެމައިންގެ އާއިލާއަށް ވަރަށް އިޙްލާސްތެރިކަމާއެކު ތައުޒިޔާ ކިޔަމުން، އެ އާއިލާއަށް ކެތްތެރިކަން ދެއްވާ އަދި މި ދެމައިންނަށް މާތް ﷲ ރަހްމަތް ތަނަވަސް ކޮށްދިނުމަށް ދުއާ ދަންނަވަން.

- ރައީސް ޔާމީން

ޝިއުނާވަނީ ދުވަސް ނުފުރައި ވިހެއި ދަރިފުޅާ އެކު، އިތުރު ފަރުވާއަށް މާލެ ގެންނަން އުޅެނިކޮށް، ފަރުވާ ލަސްވެ ކުއްޑޫ އެއާޕޯޓު ރަންވޭ މައްޗަށް ނިޔާވެފައެވެ.

ޝިނުއާ ބަލައި ކޫއްޑޫ އެއާޕޯޓަށް ޖެއްސި އެއާރ އެންބިއުލާންސްގެ ވެންޓިލޭޓަރު ހުރީ ހަލާކުވެފައިކަމާއި އެ ފްލައިޓުގައި ބަލި މީހަކަށް ދޭނެ އޮކްސިޖަން ނެތްކަމަށް އާއިލާއިން 13 އޮންލައިނަށްވަނީ މައުލޫމާތު ދީފައެވެ.

އެގޮތުން ޝިއުނާ މާލެ ގެންދިއުމަށް ކޫއްޑޫ ރަންވޭއަށް އެރުވީ ރޭ 11:40ގައި ކަމަށާއި ފްލައިޓަށް ނާރުވައި ރަންވޭގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް، މެންދަމު 1:30ގައި ނިޔާވިކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ދަރިފުޅަށް އިތުރު ފަރުވާ ދިނުމަށް މާލެ އައި މަގުމަތީ ދަރިފުޅުވެސް ނިޔާވިކަމަށް އާއިލާއިންވަނީ މައުލޫމާތު ދީފަވެއެވެ.

މި ކަމާއި ގުޅިގެން ގއ ވިލިނގިލީގައި ބޮޑު އިހްތިޖާޖެއް ކުރިއަށް ގެންގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެ އިހްތިޖާޖުގެ ތެރެއިން ޝިއުނާ އާއި ކުޑަ ދަރިފުޅު ނިޔާވުމާއި ގުޅިގެން ހިންގާ ތަހުގީގުތައް އަވަހަށް ނިންމުމަށް އެ ރަށުގެ ރައްޔިތުންވަނީ ގޮވާލާފައެވެ.

ޝިއުނާ އާއި ކުޑަ ދަރިފުޅު ނިޔާވީ އިހުމާލުންކަމަށް ބުނެ ރައްޔިތުން ދިޔައީ އެކަން ކުށްވެރި ކުރަމުންނެވެ. އެގޮތުން އެއީ މައާފް ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމަށްވެސް އިހްތިޖާޖުގެ ބައިވެރިންވަނީ ބުނެފައެވެ.

މި މައްސަލަ ހެލްތު މިނިސްޓްރީ އާއި ދިވެހި ފުލުހުން ބަލަން ފަށައިފާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved