
ދީނުގެ އަސާސްތަކަށް އިހުތިރާމުކުރައްވާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމު މުހައްމަދު (ޖަނާބު) އޭނާގެ ޅިޔަނު، ރައީސް ޑރ މުހައްމަދު މުއިއްޒާއާ ކޮއްކޮ ސާޖިދާ މުހައްމަދު ދީނާ ޚިލާފުކަންކަން ކުރައްވާއިރު ހަނު ހުންނަވާ ސަބަބާ މެދު ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަވަފައިފިއެވެ.
ޑރ ޖަމީލު މިފަދައިން ސުވާލު އުފެއްދެވީ، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުރުގާއޭ ކިޔައިގެން ދައްކާ ވާހަކަތައް ތަހުގީގުކުރަން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ގޮވާލުމުން އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވަނީ، ދީންކިޔަވައިގެން ހުންނެވި ބޭފުޅަކު އެ މިންވަރަށް ބޮޑާވުމުން އެނގިގެންދަނީ ޣާފިލުވެފައިވާ މިންވަރު ކަމަށް ވިދާޅުވެފައެވެ. އަދި އަމިއްލަ ޅިޔަނު، ޑރ މުއިއްޒު މަތިމައްޗަށް ދޮގު ހަދާ، ރައީސް އަބްދުﷲ ޔާމީނުގެ ހުސްގޮނޑި ވިއްކާ އެއަށް ފަހު މަކަރުހަދާފައިވާއިރު، މިއަދު ދީނޭ ކިޔައިގެން ޒާތްޒާތުގެ ނަޞޭޙަތް މީހުންނަށް ދޭން ޖަނާބު އުޅުއްވަނީ ކީއްވެ ކަމާ މެދު ޑރ ޖަމީލު ސުވާލު އުފައްދަވާފައިވެސް ވެއެވެ.
މީގެ އިތުރުން ޖަނާބުގެ އަމިއްލަ ކޮއްކޮ، ރައީސް މުއއިްޒުގެ އަނބިކަނބަލުން ސާޖިދާ، ކަރޯކޭއަށް ޙަރަކާތްތެރިވާއިރު، އަނެއް ކޮޅުން ނިކުމެ އިސްލާމްދީނުގެ ފިލާވަޅު ނުދެެއްވާތޯ އައްސަވާ ޑރ ޖަމީލުވަނީ ޖަނާބު އުސޫލުކުރާ ގޮތަށް އުޞޫލު ގިޔާސްކުރާނަމަ ރައީސް މުއިއްޒާއި ސާޖިދާ މީހުންނަށް ދީނުގައި އޮންނަގޮތޭ ކިޔައިގެން ނަޞޭޙަތްދޭތީ ހައްޔަރު ކުރަންވީތޯ އައްސަވާފައެވެ.
ހަމައެހެންމެ ބޮޑާވުމަކީ ދީނުގައި މަނާކުރައްވާފައިވާކަމެއްކަން ފާހަގަކުރައްވާ ޑރ ޖަމީލުވަނީ ރައީސް މުއިއްޒު ސަރުކާރުގައި ވައްކަން ބައިވަރުކަމަށާ ރައީސް މުއިއްޒު ރިޝްވަތު ބަހާކަމަށް ތުހުމަތުކުރެވޭކަމަށްވެސް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ސަމޯއާ އެއްބަސްވުމުގައި އެއްޖިންސުގެ ފާޙިޝް ޢަމަލު ޕްރޮމޯޓްވާގޮތައް ވަނީ ސޮއިކޮށްފައިކަމާ ޖަނާބުވެސް ރައީސް މުޢިއްޒަށް ވާގިވެރިވާނަމަ މިއަދު ފާފަވެރި ވެދާނެކަމުގެ އިޙްތިމާލުބޮޑު ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.









